21 May 2010, 09:59
14:30
ރާއްޖޭގައި އުނގަންނައިދިނުމުގެ ހުރިހާ މަރުހަލާއެއްގައި، ވަކިން ހާއްސަކޮށް މަތީ ސާނަވީ ނިމެންދެން އިސްލާމާއި ދިވެހި ކިޔަވައިދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި އިސްލާމިކް އެފެއާޒު މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ މަސްޖިދުލްސުލްތާނުލް މުހައްމަދު ތަކުރުފާނުލް އައުޒަމްގައި އިމާމުވެ ހުކުރު ނަމާދު ކުރައްވަމުން މިއަދު ވިދާޅުވި ހުތުބާގަ އެވެ. ރާއްޖޭގައި މިހާރު މިއޮތް ދީނީ އެއްބައިވަންތަކަމާއި ދިވެހި ބަސް ރައްކާތެރިކޮށް ދަމަހައްޓަން މަސައްކަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމުގައި މިނިސްޓަރ ވިދާޅުވި އެވެ.
ޑރ. މަޖީދު ވިދާޅުވީ އުނގަންނައިދިނުމުގެ އެންމެހާ ހަރާކާތްތަކެއްގައި އަމަލް ކުރަންވާނީ ޤާނޫނު އަސާސީގެ ރޫހާ އެގޮތަށް ކަމަށެވެ. އެގޮތުން އުނގަންނައިދިނުމުގެ ސިޔާސަތު ކަނޑައެޅުމުގަ އާއި މަންހަޖާއި މުގައްރަރު އެކުލަވާލުމުގަ އާއި ތައުލީމީ ތަންތަން ހިންގުމުގައި އަމަލްކުރަންޖެހޭނީ ޤާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ވެސް ޑރ. މަޖީދު ވިދާޅުވި އެވެ. އަދި އުނގަންނައިދިނުމުގެ ހުރިހާ މަރުހަލާއެއް ވެސް ބައްޓަންކުރަންޖެހޭނީ ޤައުމަށް ފައިދާ ކުރަނިވި އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުންމަތީ ދެމިހުންނަ ދިވެހި މުސްލިމް ދަރިއެއް އުފެއްދުމަށް އަމާޒުކޮށްގެން ކަމަށްވެސް ޑރ. މަޖީދު ވިދާޅުވި އެވެ.