ރާއްޖޭގައި ދީނީ ހައްދު ފަހަނައަޅައިދިޔުމުގެ މައްސަލަ އޮތްނަމަވެސް އިދިކޮޅު ފަރާތްތަކުން އެވާހަކަ ދައްކަނީ މާބޮޑަށް ބޮޑުކޮށްލައިގެން ކަމަށް ފުލުހުންގެ ތަރުޖަމާން އަދި ސްޓްރެޓެޖީ އެންޑް ލީގަލް އެފެއާޒްގެ ހެޑް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ނޫހެއް ކަމަށްވާ ނިއުސް އިން.އޭޝިއާއަށް ދެއްވި އިންޓަވިއުއެއްގައި ޝިފާން ވިދާޅުވެފައި ވަނީ، ދީނީ ހައްދުފަހަނައަޅައި ދިޔުމުގެ މައްސަލަ ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި ސަރުކާރުން އޮތީ އެ މައްސަލަ މުލުން ލުހުމަށް ތައްޔާރަށް ކަމަށެވެ. ޝިފާން ވިދާޅުވީ، ދީނީ ހައްދުފަހަނައަޅައި ދިޔުން އޮތީ ކޮންޓްރޯލް ކުރެވިފައި ކަމަށާއި އިދިކޮޅު ފަރާތްތަކުން އެ ވާހަކަ ދައްކަނީ މާ ބޮޑުކޮށްލައިގެން ކަމަށެވެ.

ސީރިއާ -ތުރުކީ ބޯޑަރު ހިސާބުގައި ހަރަކާތްތެރިވާ ދިވެހި ޖިހާދީންގެ އަމަލުތައް ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކާ ގުޅިގެން ބަލަމުންގެންދާ ކަމަށާއި އަދި އެމީހުން އަނބުރާ ރާއްޖެއަށް ގެނެސް ކައުންސިލިން ދީ އެމީހުންގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

ދިވެއްސަކު ރާއްޖެއިން ބޭރުގެ ހަނގުރާމައެއްގައި-- ރާއްޖޭގައި ތަކްފީރީން އުފެއްދުމަށް އެތައް މަސައްކަތެއް ކުރޭ:

ޝިފާން ވިދާޅުވީ، ޖިހާދަށް ދާ މީހުންނަށް އަދަބު ދިނުމަށް ވުރެ ބަލަނީ އެމީހުން ހެޔޮ މަގަށް ރުޖޫއުކުރަން ކަމަށެވެ. އަދި ގިނަފަހަރު އަދަބު ދީގެން އޭގެން އެދެވޭ ނަތީޖާއެއް ނުނުކުންނަ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ރާއްޖޭގެ އިދިކޮޅު ފާރާތްތަކުން ބުނާގޮތުގައި ޖިހާދަށް، ރާއްޖެއިން ބޭރަށް ދިޔަ މީހުންގެ އަދަދު 250 އަށް އަރާނެެއެވެ. މިއީ އާބަދީގެ ނިސްބަތުން ބަލާނަމަ މުޅި ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. ނަމަވެސް ރާއްޖޭގެ ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވަނީ ރާއްޖެއިން ޖިހާދަށް ގޮސްފައިވަނީ 49 މީހުން ކަމަށެވެ.

ތުރުކީގެ ބޯޑަރު ސަރަހައްދުން ސީރިއާއަށް ވަންނަން އުޅެނިކޮށް ދެ ދިވެހިން ދާދި ފަހުން ވަނީ އަތުލައިގަނެ ރާއްޖެ ގެނެސްފައެވެ.

ޝިފާން ވިދާޅުވީ، ގިނަ ދިވެހިންނަކީ މެދު މިނުގެ މުސްލިމުން ކަމަށާއި އަދި ހައްދުފަހަނަ އަޅައިގެން ގޮސްފައިވަނީ މަދު ދިވެހިން ތަކެއް ކަމަށެވެ.

"ދީނީގޮތުން ހައްދު ފަހަނަ އަޅައިގެން އުޅެނީ މަދު ބަޔަކު. މިއީ ދިވެހިންގެ ތެރޭގައި އެހާ އާންމުކަމެއް ނޫން. މިތާކު ވައްހާބީ ފިކުރު ފަތުރާ ޖަމާއަތެއް ނެތް،" ޝިފާން ވިދާޅުވިއެވެ.

ރާއްޖޭއަކީ އަމާން ތަނެއް ކަމަށް ބުނެ ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރިސޯޓަކަށް މިހާތަނަށް ޓެރެރިސްޓް ހަމަލާއެއް ދީފައި ނުވާކަމަށެވެ.

ޝިފާން ވިދާޅުވީ، ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް ހިނގަމުންދަނީ ސަރުކާރުގެ ބެލުމުގެ ދަށުން ކަމަށާއި އަދި އެ މިސްކިތްތަކުގައިދޭ ދީނީ ދަރުސްތައް ވެސް ދެމުން ގެންދަނީ ސަރުކާރުގެ ސީދާ ބެލުމުގެ ދަށުން ހުއްދަ ލިބިގެންކަން ޝީފާން ފާހަގަކުރައްވާފައިވެއެވެ.