ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 14ގައި ކަމަށް ތަޢުލީމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި 2018 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރުގައި ވާގޮތުން އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 98 ވަނަ ދުވަހުއެވެ. އެއީ ޖަނަވަރީ 14 އިން ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. ފުރަތަމަ ސެމިސްޓަރގެ މިޑް-ޓާމް ބްރޭކް އަކީ 10 ޖޫން އިން 14 ޖޫން އަށެވެ.

ދެވަނަ ސެމިސްޓަރގެ ކިޔެވުން 18 ޖޫންގައި ފަށާއިރު މި ސެމިސްޓަރގެ މިޑްޓާމް ބްރޭކް އަކީ 19 އޯގަސްޓް އިން 23 އޯގަސްޓް އަށެވެ. 2018 ވަނަ އަހަރުގެ ދިރާސީ އަހަރު ނިމޭނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުކަމަށް އެ ކަލަންޑަރުގައި ވެއެވެ. ކަލަންޑަރުގައި ވާގޮތުން ބޮޑު ޗުއްޓީއަށް ފަހު 2019 ވަނަ އަހަރުގެ ދިރާސީ އަހަރު ފަށާނީ އެ އަހަރުގެ ޖެނުއަރީ 13ގައެވެ.

ދެވަނަ ސެމިސްޓަރގައި 105 ދުވަހު ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު މުޅި އަހަރު ތެރޭގައި ޖުމްލަ 203 ދުވަހު ކިޔަވައިދޭނެކަމަށް ދިރާސީ ކަލަންޑަރުގައި ވެއެވެ.

އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް 2018 ވަނަ އަހަރުގެ ދިރާސީ އަހަރު ތެރޭގައި ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަށް ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޑޭގެ ގޮތުގައި ދުވަސްތައް ކަނޑައެޅިފައިވެއެވެ.