މި މަހުގެ 31 ވަނަ ދުވަހުގެ ރެއަކީ ދިވެހި ފިލްމް އިންޑަސްޓްރީ އަށް ބޮޑުރެއެކެވެ. މަޝްހޫރު ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ ފިލްމް "ބޮސް" ސްކްރީނަށް އަންނަ ރެއެވެ. ފިލްމް ރިލީޒް ކުރަން ފަސް ވަރަކަށް ދުވަހަށް ވެފައިވާއިރު ރޭ ވަނީ މި ފިލްމުގެ ތީމް ދެލަވަ ލޯންޗްކޮށްފައެވެ.

ބޮސްއަކީ ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމެންޓުގެ ކުޑައިގެ ދަށުން އޭނާ ޕްރޮޑިއުސްކޮށް އައިޝަތު ރިޝްމީ ޑައިރެކްޓް ކުރާ ފިލްމެކެވެ. ބޮސްގެ ވާހަކަ ދެކެވެން ފެށީއްސުރެ މި ފިލްމަކީ "ނަހޫ ސްޓައިލް"ގެ ފިލްމެއް ކަމަށް ނަހުލާ އަންނަނީ ބުނަމުންނެވެ. ފިލްމުގެ ޓްރެއިލާ އާންމު ކުރި ހިސާބުން މިކަން އޮޅުންފިލައިފިއެވެ. ރޭ އާންމު ކުރި ތީމް ދެލަވައިންވެސް ފިލްމުގައި ހުރި އަސަރު ވަރަށް ރީއްޗަށް ހާމަކޮށްދެއެވެ.

މިމަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެިން---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް

މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ އަޑުން އިވިގެންދާ "އަހަރެންގެ ހިތް ހިމޭންވާން" އަދި އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ)ގެ އަޑުން އިވިގެންދާ "ރަހުމަތް ލައްވާށި" މި ދެލަވަ މިއަދުން ފެށިގެން ލަވަފޮށިންނާ ސައުންޑް ކްލައުޑުންވެސް އަޑުއަހައިލެވޭނެއެވެ.

ފިލްމުގެ ތީމް ލަވަތައް ރިލީޒްކުރުމަށް ބޭއްވި ހަފްލާ ކުރިއަށްދިޔައިރު ފިލްމުގެ ކާސްޓުންނާ ޑައިރެކްޓަރު، ޕްރޮޑިއުސަރު އަދި ތީމް ލަވަތައް ކިޔާފައިވާ ދެ ފަންނާނުންނާ ސުވާލު ކުރުމުގެ ފުރުސަތު ފޭސްބުކް މެދުވެރިކޮށް އޮތީ ހުޅުވާލައިފައެވެ. ބެލުންތެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ނަހުލާ ބުނީ މިއީ މިއަހަރު ސްކްރީނަށް އަންނާނެ އެންމެ އަސަރުގަދަ ފިލްމު ކަމަށާ ދިވެހި ފިލްމު ބެލުން ހުއްޓާލައިގެން ތިބި މީހުންވެސް މި ފިލްމު ބަލަން ވަންނާނެ ކަމަށެވެ.

މިމަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެިން---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް

"ދިވެހި ފިލްމަށް ލޯބި ކުރާ މީހުން އެބަތިބި އަހަރެންގެ ޔޫސުފް އަށް ފަހު ދެން ދިވެހި ފިލްމު ބެލުން ހުއްޓާލައިގެން ތިބި މީހުން. ބޮސް އަކީ އެމީހުންވެސް އަލުން ދިވެހި ފިލްމު ބަލަން ފަށާނެ ވަރުގެ ފިލްމެއް" ނަހުލާގެ އެންމެ ކާމިޔާބު ފިލްމު ޔޫސުފް ވަނީ އޮލިމްޕަހުގައި ހައުސްފުލް 50 ޝޯ ދައްކައިފައެވެ.

ޔޫސުފްގެ ރިކޯޑް މުގުރައިލެވޭނެ ދިވެހި ފިލްމެއް ދެން އަންނާނެހެން ހީ ނުވާކަމަށް ނަހުލާ ރޭ ބުންޏެވެ. ބޮސް އާ ގުޅޭގޮތުން ނަހުލާ ބުނީ މި ފިލްމަކީ އިންޓަވަލްގެ ކުރިން ވަރަށް ރޮމޭންޓިކް އަދި އިންޓަވަލްގެ ފަހުން ވަރަށް އިމޯޝަނަލް ފިލްމަކަށް ވާނެ ކަމަށެވެ.

މިމަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެިން---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް

ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ މިހާރު ދިވެހި ފިލްމީ ދާއިރާގައި އެންމެ އުއްމީދީ އެއް ބަތަލާ މަރިޔަމް އައްޒަ އަދި އަލަށް ދާއިރާއަށް ތައާރަފްވާ މުހައްމަދު ޔުނާންއެވެ.

މި ފިލްމާ ގުޅޭގޮތުން ރޭ ޔުނާން ބުނީ ބޮސް ބެލުމަށް ޓިކެޓް ގަތުމަށް ހަރަދު ކުރާ ލާރި އަކީ ބޭކާރު ވެގެންދާނެ އެއްޗެއް ނޫންކަމުގެ ޔަގީންކަން ދޭ ކަމަށެވެ. މި ފިލްމަކީ އޭނާގެ "ކަރުނަ ހުސްކޮށްލި" ފިލްމެއް ކަމަށް ޔުނާން ރޭ ބުންޏެވެ.

ފިލްމުގައި ދެން ފެނިގެންދާ މުހިއްމު ތަރިންގެ ތެރޭގައި އަޒޫ، ޖިމީ، ޝަމީލް އަދި ދޮންއައްޔަ ހިމެނެއެވެ.

މިމަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް"ގެ ތީމް ލަވަ ނެރުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެިން---ސަން ފޮޓޯ/ މުހައްްމަދު އަފްރާހް

ބޮސް ފިލްމުގައި ހަތް ލަވައެއް ހިމެނޭއިރު މި ލަވަތައް ކިޔާދީފައިވަނީ ތޭރައާއި ކުޑައިއްބެގެ އިތުރުން މާއިން ރަޝީދު، ރާފިޔަތު ރަމީޒާ، ފާތިމަތު އަޝްފާ، އަދި މޯލްޑިވިއަން އައިޑަލްއިން ވިދާލި ޝަލަބީ އިބްރާހިމާއި، އަހްމަދު ނަބީލް އަދި ހަމޫދެވެ. މި ލަވަތަކަކީ މުޅިންވެސް އަމިއްލަ ރާގުގެ ލަވަތަކެވެ.

ބޮސް ރިލީޒްކުރަން ވަގުތު ކުޑަތަންވެފައިވާއިރު ފިލްމަށް ބޮޑި ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޕްރޮޑިއުސަރު ނަހުލާ ބުންޏެވެ.