ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލްގެ އަންހެން ޑިވިޝަންގެ ފައިނަލަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ދަތުރު ކޮށްފި އެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ ފައިނަލުގެ ޖާގަތައް އެމްއެންޑީއެފް އާއި އެމްޕީއެލް ހޯދީ ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބު ކޮށްގެންނެވެ.

ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލްގެ އަންހެން ޑިވިޝަންގެ ފައިނަލްގެ ޖާގައެއް ހޯދި އެމްއެންޑީއެފް: އެ ޓީމުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި 3-0 ލަނޑުގެ ނަތީޖާ އަކުން ފެނަކަ ބަލިކޮށްގެން --- ފޮޓޯ/ އެޕްއޭއެމް

ސެމީގެ ފުރަތަމަ މެޗުގައި ފެނަކަ އަތުން އެމްއެންޑީއެފް މޮޅުވީ 3-0 ލަނޑުންނެވެ. އެ މެޗުގައި އެމްއެންޑީއެފް އިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޝަހުފާ ޝިއުތު އެވެ. އަދި އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ އާމިނަތު ޒާހިޔާ އެވެ.

ސެމީގެ ދެ ވަނަ މެޗުގައި އައިލެންޑް އޭވިއޭޝަން އަތުން އެމްޕީއެލް މޮޅުވީ 14-0 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. އެ މެޗުގައި އެމްޕީއެލްގެ އާމިނަތު ޝާމިލާ ހަ ލަނޑު ކާމިޔާބުކުރި އިރު، ފާތިމަތު ޖޫޒާން ޒަރީރު ތިން ލަނޑު ކާމިޔާބުކުރި އެވެ. އެމްޕީއެލްގެ ފަރާހް އަހްމަދު ދެ ލަނޑު ކާމިޔާބުކުރި އިރު، ފާތިމަތު ސާލިޔާ އާއި އައިޝަތު ރިފްޝާ އަބްދުލް ލަތީފް އަދި ފާތިމަތު ނިއުޝާގެ ފަރާތުން ވެސް ލަނޑެއް ފެނިގެންދިޔައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެމްޕީއެލް އަށް ހަ ލަނޑު ކާމިޔާބު ކޮށްދިން ޝާމިލާ އެވެ.

ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލްގެ އަންހެން ޑިވިޝަންގެ ސެމީގައި އެމްޕީއެލް އާއި އައިލެންޑް އޭވިއޭޝަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެމްޕީއެލް މޮޅުވީ 14-0 ލަނޑުގެ ނަތީޖާ އަކުން --- ފޮޓޯ/ އެޕްއޭއެމް

އެމްއެންޑީއެފް އާއި އެމްޕީއެލް ބައްދަލުކުރާ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 9:00 ގައެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލުގެ މެޗުތައް އަންނަ ހޮނިހިރު ދުވަހު ކުރިއަށްދާނެ އެވެ. ހޮނިހިރު ދުވަހުގެ ރޭ 8:00ގައި ކުޅޭ ސެމީގެ މެޗުގައި ޕޮލިހާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބައްދަލުކުރާ އިރު، އެ ރޭ 9:30ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ސްޓެލްކޯ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ.