ގދ. ތިނަދޫގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ އެވެ.

ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހެނދުނު 11:15 އެހާކަންހާއިރު ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ތިނަދޫ ގަޒީރާ މުއާޒު ރަޝީދަށް ކަމަށެވެ. އަދި ސައިކަލު ދުއްވަން އިން މުއާޒުގެ ބޮލަށާއި އަތަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް ތިނަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ނަމަވެސް ތިނަދޫ ހޮސްޕިޓަލުން ބުނީ މުއާޒަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށާއި ނަމަވެސް ކަށީގެ ޑޮކްޓަރެއް އެ ހޮސްޕިޓަލުގައި ނެތުމުން އިތުރު ޓެސްޓްތަކެއް ހެދުމަށް އޭނާ އަމިއްލަ ގޮތުން މާލެ ދާން ފުރާފައިވާ ކަމަށެވެ.
މި ރޯދަ މަހު ތިނަދޫގައި ހިނގި ފުރަތަމަ އެކްސިޑެންޓްގައި ސައިކަލުން ޖެހި ކާރުގެ ބޮނެޓަށް ވަނީ އެކިވަރުގެ ގެއްލުންވެފަ އެވެ.

ފުލުހުން ބުނީ ތިނަދޫގައި ހިނގި އެކްސިޑެންޓް މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.