26 Oct 2017, 00:07
ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެ މައްސަލަތައް ހައްލުކުރުމަށް ގޮވާލައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމުން ސަސްޕެންޑު ކުރި ގާނޫނީ ވަކީލުންގެ ތެރެއިން އިތުރު އަށް ވަކީލެއްގެ ސަސްޕެންޝަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އުވާލައިފިއެވެ.
މިފަހަރު ސަސްޕެންޝަން އުވާލި ވަކީލުންނަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު އާއި ގާނޫނީ ވަކީލު އަބްދުﷲ ހުސައިން އާއި ގާނޫނީ ވަކީލު މަސްތޫރު ހުސްނީ އާއި ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް އާއި ގާނޫނީ ވަކީލު ރުޝްދުﷲ އިބްރާހިމް އާއި ގާނޫނީ ވަކީލު މުހައްމަދު ފަރީދު އާއި ގާނޫނީ ވަކީލު ސަފްވަތު ހަބީބުގެ އިތުރުން ގާނޫނީ ވަކީލު ހަސަން ވަހީދުއެވެ.
ޑީޖޭއޭ އިން މިރޭ ކުރި އިއުލާނެއްގައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ސަސްޕެންޑުކުރި އެ އަށް ވަކީލުންގެ މައްސަލަ ބެލުމަށްފަހު އެބޭފުޅުން ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުން މަނާކުރެވިފައި އޮތްއޮތުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
އެ އަށް ވަކީލުންގެ ސަސްޕެންޝަން ނިމުމަކަށް ގެނައުމާއެކު ސަސްޕެންޝަން އުވާލި ވަކީލުންގެ އަދަދު 37 ކަށް ވަނީ އަރާފައެވެ. ސަސްޕެންޑުކުރި 54 ވަކީލުންގެ ތެރެއިން ސަސްޕެންޝަން އުވާނުލައި ބާކީ ތިބީ 17 ވަކީލެކެވެ.
އެ ވަކީލުން ސަސްޕެންޑުކުރީ އެބޭފުޅުން ހުށަހެޅުއްވި ޕެޓިޝަނަކީ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް، ކޯޓުތަކުގެ އިހްތިސާސްތަކާއި ކޯޓުގެ އިޖުރާއަތުތަކާއި ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފަށް ހުށަހެޅި ޣައިރު ގާނޫނީ ލިޔުމެއް ކަމަށް ބުނެއެވެ.
އެ ވަކީލުން ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރޭގައި ޣައިރު ހާޒިރުގައި ހުކުމް ކުރުމާއި ގާނޫނު އަސާސީ އިން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުގެ ބޭރުން އަމަލު ކުރާކަމުގެ ތުހުމަތާއި ޖޭއެސްސީ ހިންގުމުގައި އުސޫލުން ބޭރުވެފައިވާ ކަމުގެ ތުހުމަތު ފަދަ ކަންތައްތައް ހިމެނެއެވެ.