ރާއްޖޭގެ ތާރީޚުގައި އެއް ދުވަހެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް ޝަރުއީ މައްސަލަ ބެލުމަށް ފުރަތަމަ ފަހަރަށް ގާޒީއަކު ޝެޑިއުލް ކުރައްވައިފި އެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު ޝެޑިއުލްގައިވާ ގޮތުން މާދަމާ ހެނދުނުން ފެށިގެން، މާދަމާ ރޭގެ ނިޔަލަށް 160 މައްސަލަ އެއް ގާޒީއަކު ބައްލަވާނެ އެވެ. އެ ހުރިހާ މައްސަލައިގެ ޝަރީއަތް ހިންގަވާނީ އެ ކޯޓުގެ ގާޒީއެއްގެ މަގާމާ މީގެ ދެ އަހަރު ކުރިން ހަވާލުވެވަޑައިގެންނެވި ގާޒީ މުހައްމަދު ހަލީމެވެ.

ސިވިލް ކޯޓުގައި މާދަމާ ހިންގާ ޝަރީއަތްތަކުގެ ޝެޑިއުލްގައިވާ ގޮތުން ގާޒީ ހަލީމް މައްސަލަ ބައްލަވަން ފައްޓަވަނީ ހެނދުނު 8:00 ގައެވެ. ނަމަވެސް އާންމުކޮށް ކޯޓުތަކުގައި ޝަރީއަތް ހިންގަން ފަށާ ގަޑިއަކީ ހެނދުނު 9:00 އެވެ. ގާޒީ ހަލީމް މާދަމާ ބައްލަވާ އެންމެ ފަހުގެ މައްސަލައިގެ ޝަރީއަތް ޝެޑިއުލްކޮށްފއި ވަނީ މާދަމާ ރޭ 10:30 އަށެވެ.

ގާޒީ ހަލީމް މާދަމާ ބައްލަވާ މައްސަލަތަކުގެ ތެރޭގައި އަގު ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލަތަކާއި ވަޒީފާ އިން ވަކިކުރި މައްސަލަތަކާއި އިމާރާތް ކުއްޔަށްދިނުމާ ގުޅޭ މައްސަލަތަކާއި އެއްބަސްވުމާ ޚިލާފުވެގެން ހުށަހަޅާފައިވާ މައްސަލަތަކާއި ގޯތި ގެދޮރުގެ މައްސަލަތަކާއި ފައިސާ ހޯދުމަށްކޮށްފައިވާ ދައުވާތަކުގެ މައްސަލަތައް ހިމެނެއެވެ.

ސިވިލް ކޯޓުގެ އެހެން ގާޒީންތައް މާދަމާ ބައްލަވާ މައްސަލަތަކަށް ބަލާއިރު، ދެން އެންމެ ގިނައިން އެ ކޯޓުގެ ގާޒީއަކު މާދަމާ ޝަރީއަތް ހިންގަވަނީ ޖުމްލަ 10 މައްސަލައެވެ.