02 Aug 2011, 15:20
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ އިގްތިސާދީ އިސްލާހީ ޕްރޮގްރާމްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހަޅުއްވައި ދެއްވީ، ނިލަންދޫ ދާއިރާގެ އަލީ ރިޒާ އެވެ.
ބިލު ހުށަހަޅުއްވަމުން އަލީ ރިޒާ ވިދާޅުވީ، ސަރުކާރު ބޭނުން ވަނީ ވިޔަފާރި ވެރިޔާ އާއި ވިޔަފާރި ކުރިއެރުވުންކަމަށެވެ. އަދި މި ބިލު ގާނޫނަކަށް ވެގެން ދިއުމުން ވިޔަފާރި ކުރާ ފަރާތްތަކަށް ކުރިއަށް ދިނުމަށް އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ. އަދި މި ބިލު ހުށަހެޅުއްވި މަގުސަދުތަކީ ވިޔަފާރިކުރަން ބޭނުންވާ މީހުންނަށް އެކަން ކުރުމަށް ފަސޭހަކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބިލަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ، ބޭރުގެ ފަރާތްތައް ރާއްޖެއައިސް ވިޔަފާރި ކުރުމުގެ ފުރުސަތު ފަސޭހަކަމާ އެކު ފުޅާ ދާއިއެއްގައި ހުޅިވިފައިވާ ކަމަށެވެ.
ކެލާ ދާއިރާގެ މެންބަރު ޑރ. އަބުދުﷲ މައުސޫމު ވިދާޅުވީ، އެއްލައްކަ ޑޮލަރު ހިފައިގެން އަންނަ ބޭރުގެ ފަރާތްތަކަށް ފަސޭހަކަމާ އެކު ރާއްޖޭގައި އިންވެސްޓް ކުރެވޭ ގޮތަށް އޮތުމަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
މި ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ވިދާޅުވީ، މި ބިލަކީ ބޭރުގެ ވަކި ބަޔަކަށް ރާއްޖޭގައި ވިޔަފާރީގެ ފުރުސަތުތައް ފަސޭހައިން ތަނަވަސްކޮށްދިނުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.
"މި ބިލަކީ އަވައްޓެރި ގައުމެއްގެ ބިދޭސީންނަށް ވިޔަފާރި ކުރުމަށް ފަސޭހަކަމާ އެކު ރާއްޖެ އަށް ވަދެވޭނެ ފުރުސަތު ދިނުން. އެކި އިންޑަސްޓްރީތައް އިންޑިޔާގެ ރައްޔިތުންނަށް ހުޅުވާލުމަށް 14 އެގްރީމެންޓެއްގެ ދަށުން ހުށަހެޅި އެ އެގްރީމެންޓްތަކަށް އިންޑަސްޓްރީތަކުން ދެކޮޅު ހެދީމަ ގާނޫނަކުން އެކަން ކުރުމަށް ސަރުކާރުން ފޮނުވި ބިލެއްމީ،" މުއްތަލިބު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޑރ. އިބްރާހިމް ދީދީ އައް ރުހުން ދިނުމުގެ މައްސަލަ ދިޔާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.