25 Oct 2017, 22:07
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގދ. ތިނަދޫއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، ލީގު ކާމިޔާބު ކުރުމަށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް އިތުރު ހުރަސްތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު މާޒިޔާ އާއި ތިނަދޫ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ލަނޑުގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. އެ މެޗުގެ ކުރިން އެންމެ ފަހުން މާޒިޔާ ކުޅުނު މެޗުގައި ޓީސީ އަތުން ވަނީ ބަލިވެފައެވެ. ފުރަތަމަ ބުރުގައި މާޒިޔާ އާއި ތިނަދޫގެ ކުރިމަލުން ވެސް ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ.
އެ ނަތީޖާއާ ގުޅިގެން ކުޅުނު ދިހަ މެޗުން ލިބުނު 20 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގައި މާޒިޔާ އޮތް އިރު، ތިނަދޫ ވަނީ ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ. ތިނަދުއާއި ހަތަރު ވަނައިގައި އޮތް ކްލަބު ގްރީން ސްޓްރީޓްސް އަށް ވެސް 12 ޕޮއިންޓް ލިބިފައިވާ އިރު، އެއް މެޗު އިތުރަށް ކުޅެފައިވާ ތިނަދޫ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. މާޒިޔާގެ ކުރިން ދެ ވަނައިގައި އޮތް ޓީސީއަށް ނުވަ މެޗުން 22 ޕޮއިންޓް ލިބިފައިވާ އިރު، އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ނުވަ މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ދެ ޓީމުން ޖެހި ލަނޑުވެސް ފެނިގެން ދިޔައީ ދެ ވަނަ ހާފުގެ ތެރޭގައެވެ. މެޗުގެ 63 ވަނަ މިނެޓުގައި މާޒިޔާއަށް މުހައްމަދު އުމައިރު ލީޑު ހޯދައިދިން ނަމަވެސް، އޭގެ ދެ މިނެޓް ފަހުން އަހްމަދު ނޫމާން (ހެލްމެޓް) ވަނީ ތިނަދުއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި، ޓީސީ ސްޕޯޓްސް ކްލަބާއި ދ. ކުޑަހުވަދޫ ވާދަކުރާ މެޗުން ޓީސީ މޮޅުވެއްޖެ ނަމަ، ވަގުތީ ގޮތުން ޓީސީ ތާވަލުގެ އެއް ވަނައަށް ޖެހިލާނެއެވެ.