ކުރިއަށް އޮތް ޓޫރިޒަމްގެ މޫސުމަށް ތައްޔާރުވުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އައު ބަގޭޖް ބެލްޓާއި އެއާޕޯޓުން ފުރާމީހުންގެ ގޭޓުތައް އެއްތަނަކަށް ބަދަލުކޮށް، ޖާގަ ބޮޑުކޮށްފި އެވެ.

ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބަގޭޖް ބެލްޓް އަދި ފުރާ މީހުންގެ ގޭޓްތައް ރަސްމީކޮށް ހުޅުވައި ދެއްވީ ވީއައިއޭގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާދިލް ވިދާޅުވީ، ބަގޭޖް ބެލްޓް އަދި ފުރާ މީހުންގެ ގޭޓްތައް އެއްތަނަކަށް ގެނައުމަކީ އެއާޕޯޓް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ކުރި މަސައްކަތެއް ކަމަށެވެ.

ވީއައިއޭގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާދިލް ވިދާޅުވީ، ބަގޭޖް ބެލްޓް އަދި ގޭޓްތަކަށް ގެނައި ބަދަލުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ވެސް ފުރާ މީހުންގެ ޓާމިނަލުގައި ހުންނާނެ ކަމަށެވެ. އަދި އަންނަ މަހުގައި ބިޒްނަސް ލައުންޖު ބޮޑުކުރުމަށްފަހު ހުޅުވިގެންދާނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

"އެއާލައިނަށް އިތުރަށް ހިދުމަތް ދޭ ކަމަށް ވަންޏާ ނުވަތަ އެއާލައިން ގެންނަން އަޅުގަނޑުމެންގެ އަމާޒަކަށްވެފައި އޮތުމާއެކުު މިހާރު ހުރި ފެސިލިޓީސް ވެސް އިމްޕްރޫވް ކުރަން ޖެހޭ،" އާދިލް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިން ހިދުމަތް ދެމުން އައީ 150 މީހުނަށް ހިދުމަތްދެވޭ ދެ ބަގޭޖް ބެލްޓާއި 300 މީހުނަށް ހިދުމަތް ދެވޭ ދެ ބަގޭޖް ބެލްޓެވެ. މިއަދު ހުޅުވުނު ބަގޭޖް ބެލްޓާއެކު އެއާޕޯޓްގައި 300 މީހުނަށް ހިދުމަތް ދެވޭ ހަތަރު ބަގޭޖް ބެލްޓް ހުންނާނެ ކަމަށް އާދިލް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބަގޭޖް ބެލްޓްގެ ހިދުމަތް ފުޅާކޮށް، ހުޅުވާފައިވާ އައު ބަގޭޖް ބެލްޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާދިލް ވިދާޅުވީ، އެއާޕޯޓްގައި ކުރިން ހުންނާނީ ފުރާ މީހުންގެ ފަސް ގޭޓް ކަމަށެވެ. އެއީ ގްރައުންޑްގައި ފުރާ މީހުންނަށް ހާއްސަ ކޮށްފައިވާ ތިން ގޭޓާއި އެއާޕޯޓްގެ ފަސްޓް ފްލޯގައި ހުންނަ ދެ ގޭޓެވެ. އާދިލް ވިދާޅުވީ ފަސްޓް ފްލޯގައި ހުންނަ ގޭޓަކީ އަލަށް އަޅާ ޓާމިނަލް ސަރަހައްދުގައި ހުންނަ ދެ ގޭޓަށްވުމުން އެ ދެ ގޭޓް އެއާޕޯޓުގެ ތިރީބުރިއަށް ބަދަލުކޮށް އިތުރު ގޭޓަކާއެކު މިހާރު ޖުމްލަ ހަ ގޭޓް އިމާރާތުގެ ތިރީބުރީގައި ހުންނާނެ ކަމަށެވެ. އަލަށް ހުޅުވި ގޭޓް ތަކާއެކު ކުރިންް ފަސް ގޭޓުން 600 މީހުންނަށް ދެމުން ގެންދިޔަ ހިދުމަތް ހަ ގޭޓަށް ބަދަލުވެ 900 މީހުންނަށް ހިދުމަތް ދެވިގެންދާނެ ކަމަށް އާދިލް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ފުރާމީހުންގެ ގޭޓްތަކަށް ބަދަލުގެނެސް އައު ގޭޓްތަށް ހުޅުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއާޕޯޓަށް ގެނައި ބަދަލުތަކާއެކު މިހާރު ގިނަ ހިދުމަތް ތަކެއް އެއްތަނަކުން ލިބެން ހުންނާނެ ކަމަށް އާދިލް ވިދާޅުވިއެވެ. އެ ހުރިހާ ހިދުމަތްތަކާއެކު އެއާޕޯޓުން ދެމުން އަންނަ ހިދުމަތްތައް ފަސިންޖަރުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ވެސް އާދިލް ވިދާޅުވިއެވެ.

ޓޫރިޒަމް މޫސުމާއި ދިމާކޮށް ރާއްޖެއަށް އަލަށް ދެ އެއާލައިނެއްގެ ދަތުރުތަށް ފަށަން ހަމަޖެހިފައިވާއިރު މިހާރު ރާއްޖެއަށް ދަތުރު ކުރާ އެއާލައިންގެ ދަތުރުތަށް އިތުރު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.