ބަނދަރު ހެދުމާއި ބިން ހިއްކުމަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމުގެ އުންމީދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީން ބަނދެފައިވާ ޑްރެޖަރު "މަހާ ޖައްރާފު" ކުޅުދުއްފުށީގައި ބަނދަރުކޮށްފި އެވެ.

މަހާ ޖައްރާފް ކުޅުދުއްފުށީ ބަނދަރަށް ގާތްކޮށްފައި ވަނީ މިއަދު މެންދުރުން އަނބުރާ 15:00 އެހާކަންހާއިރު އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ އެ ރަށުގެ ދެކުނު ފަރާތު ބަނދަރަށް މަހާ ޖައްރާފު ގާތް ކޮށްފައިވާ ކަމަށާއި އެ އުޅަނދު ބެލުމަށް ގިނަ ބަޔަކު ބަނދަރަށް ޖަމާވެފައިވާ ކަމަށެވެ.

އެމްޓީސީސީ އިން 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވަ ޑްރެޖަރު ބަނދެފައި ވަނީ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ. އައިއެޗްސީއާ އަކީ ނެދަލޭންޑްސްގެ ކުންފުންޏެކެވެ.

މަހާ ޖައްރާފު ކުޅުދުއްފުށްޓަށް ގޮސްފައި ވަނީ އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެއާޕޯޓްގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމަށެވެ. އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާނީ 180 ދުވަހުންނެވެ.