25 Oct 2017, 16:01
އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި 2015 ވަނަ އަހަރުގެ މާޗް މަހު މުޒާހަރާ ކުރި މީހުންގެ މައްޗަށް، އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ސާބިތުވެ، ތިން މަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.
ޖުމްލަ 14 މީހެއް ތިން މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހު އެވެ. އެ މީހުން ޖަލަށްލުމަށް ހުކުމް ކުރީ، 2015 މާޗު މަހުގެ ފަސް ވަނަ ދުވަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ ހޯލް ކުރިމައްޗަށް ރައީސް ނަޝީދުގެ ޕޯސްޓަރުތައް ހިފައިގެން އެއްވެ ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާފައިވާ ކަމަށްބުނެ ކޮށްފައިވާ ދައުވާ ސާބިތު ވުމާ ގުޅިގެންނެެވެ.
ދައުވާ ސާބިތުވާ ކަމަށް ނިންމައި ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ދައުލަތުން ހުށަހަޅާފައިވާ ހެކިބަހުން އެއާޕޯޓުގައި އެމީހުން މުޒާހަރާކުރިކަން ސާބިތުވާތީ ކަމަށެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ މީހުންގެ މައްޗަށް އެ ހުކުމް ތަންފީޒު ކުރަން ފަށާނީ ތިން އަހަރު ފަހުން ކަމަށެވެ. ހުކުމް ތަންފީޒު ކުރަން ފެށުމުގެ ކުރިން ކުށެއްކޮށްފި ނަމަ ޖަލަށްލެވޭނެ ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.
ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފަައި ވަނީ، 2015 ވަނަ އަހަރުގެ އޭޕްރީލް އަށްވަނަ ދުވަހު އެވެ.
ހައިކޯޓުން މިއަދު ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހުކުމް ކޮށްފައިވަނީ ފަސް މީހެއްގެ ފަރާތުން ހުށަހެޅި އިސްތިއުނާފަށެވެ. އެއީ، ގ. އާކާޝްވިލާ، އައިމިނަތު ޒާހިރާއާއި، ދަފްތަރު 5866 ފާތިމަތު ރަޝީދާ އާއި، ސ. ހުޅުދޫ، ކަޅުމަގިގޭ މަރްޔަމް ޒުބައިރުގެ އިތުރުން މއ. ނާރިގުގެ މުހައްމަދު އިބްރާހީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފެވެ.
ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް ތިން ކަމެއް ފާހަގަ ކޮށްފައިވެ އެވެ. ފުރަތަމަ ކަމަކަށް ފާހަގަ ކޮށްފައި ވަނީ، އެ ފަސް މީހުން ވެސް އިތުރު ބަޔަކާ އެކު އެއް މަގުސަދެއް ހާސިލް ކުރުމުގެ ގަސްތުގައި އެއްވުން މަނާ ސަރަހައްދެއްގަައި އޮތް އެއްވުމެއްގައި ބައިވެރިވެ އަޑު އުފުލާ މުޒާހަރާކޮށްފައިވާކަން އޮންނަ ކަމަށެވެ.
އޭގެ އިތުރުން ދައުލަތުގެ ފަރާތުން ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަހުންނާއި، ގަރީނާތަކަށް ބަލާއިރު، އެ ފަސް މީހުން އެ ދުވަހުގެ އެއްވުމުގައި ބައިވެރިވެފައިވާކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ މިންވަރުގެ ކާފީ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ހެއްކާއި ގަރީނާތަކުން ފެންނަން ހުރިކަންކަން ނަފީކުރެވޭ ވަރުގެ ކަމެއް ދިފާއުގައި ހުށަހަޅާފައި ނުވާ ކަމަށެވެ.
ހައިކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާހުން ނިންމާފައި ވަނީ، ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައިފަ އެވެ.