25 Oct 2017, 14:42
ކުޅުދުއްފުށީގައި ކަސްޓަމްސްގެ އިމާރާތެއް އެޅުމަށް 13.4 މިލއަން ރުފިޔާއަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
ކުޅުދުއްފުށީގައި ހަދާ ކަސްޓަމްސް ނޯތު ރީޖަން އިމާރާތުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ހެނދުނު ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް އިސްމާއިލް އަބުދުﷲ އެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓަރު ޝިހާދު އިބުރާހިމް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް އަބުދުﷲ ވިދާޅުވީ ރީޖަނަލް އޮފީސް އިމާރާތުގެ މަގުސަދަކީ އެސަރަހައްދުގައި ކަސްޓަމްސް ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުން ކަމަށެވެ.
ހދ. ކުޅުދުއްފުށީގައި ހަތަރު ބުރިއަށް އިމާރާތްކުރާ، އެ އިމާރާތުގައި އޮފީހަކާއި އެކޮމޮޑޭޝަންގެ އިތުރުން އެ ސަރަހައްދުގައި އެންފޯސްމެންޓްގެ ދާއިރާއިން ތަމްރީންތައް ހިންގުމަށް ރީޖަނަލް ޓްރޭނިންގް ސެންޓަރެއް ވެސް އެ އިމާރާތުގައި ޤާއިމްކުރެވިގެންދާނެ ކަމަށް ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެ އިމާރާތުގެ މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭ ނިންމަން ޝަރުތު ކޮށްފައިވާ ކަމަށެވެ.