ވަގުތީ ގޮތުން ސަސްޕެންޑު ކޮށްފައިވާ އެފްއޭއެމްގެ ރެފްރީ މުހައްމަދު ނިއުޝާދުގެ ސަސްޕެންޝަން އުވާލުމަށް އެ އެސޯސިއޭޝަންގެ ރެފްރީސް ކޮމެޓީން މިއަދު ނިންމައިފި އެވެ.

އެފްއޭއެމް އިން ނިއުޝާދު ސަސްޕެންޑް ކުރަން ނިންމާފައި ވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގައި ރެފްރީ ނިއުޝާދުގެ ނިންމުމަކާ ހިތްހަމަ ނުޖެހިގެން ގްރީނުން ރެފްރީ ނިއުޝާދު ލައިގެން މެޗު ކުރިއަށް ގެންދަން ބޭނުން ނުވުމުން އެ މެޗު ނިންމާލަން ޖެހުމާއެކު އެވެ.

އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އެސޯސިއޭޝަންގެ މުބާރާތްތަކުގެ މެޗުތަކުގައި ރެފްރީކަން ނުކުރެވޭ ގޮތަށް ވަގުތީ ގޮތުން ސަސްޕެންޑް ކުރެވިފައިވާ މުހައްމަދު ނިއުޝާދުގެ މައްސަލަ ރެފްރީސް ކޮމެޓީން ބެލުމަށް ފަހު ސަސްޕެންޝަން އުވާލުމަށް އެ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

ނިއުޝާދު ސަސްޕެންޑު ކޮށްފައި ވަނީ ދިވެހި ޕްރިމިއާ ލީގުގައި ގިނަ ކްލަބުތަކަކުން ތަކުރާރުކޮށް ނިއުޝާދުގެ މައްސަލަތަކެއް ހުށަހަޅާފައި ވާތީ އެ މައްސަލަތައް އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމަންޓުން ބެލުމަށް ފަހު އެވެ.

ރެފްރީ ނިއުޝާދު ސަސްޕެންޑް ކުރުމުގެ އިތުރުން އެފްއޭއެމުން ވަނީ އެ އެސޯސިއޭޝަންގެ ރެފްރީސް ޑިޕާޓްމަންޓް ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި އެފްއޭއެމްގެ އިދާރީ އޮނިގަނޑު މުރާޖައާކޮށް އަލުން އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ، އެ ޑިޕާޓްމަންޓާ ހަވާލުވެ ހުރި ތަޖުރިބާކާރު ރެފްރީ އަމީޒު މަގާމުން ވަކިކޮށްފަ އެވެ.