ތެހެރާން (އޮކްޓޫބަރު 25) -- އިސްރާއިލުގެ ޖާސޫސީ އިދާރާ މޮސާދަށް ޖާސޫސު ކުރަމުން ދިޔަ އިރާނުގެ މީހެއް ދަންޖައްސައިގެން މެރި ކަމަށް އިރާނުން ބުނެފި އެވެ.

އިރާނުގެ ޕްރެސް ޓީވީ އިން ބުނީ އެ ޖާސޫސް ވަނީ އިރާނުގެ ސިފައިންގެއާއި އަދި ނިއުކުލިއާ ދިރާސާތައް ކުރުމުގައި މަސައްކަތްކުރާ އިސް 30 މީހެއްގެ މައުލޫމާތު މޮސާދަށް ފޮރުކޮށްދީފައި ކަމަށެވެ. އިރާނުގައި އަވަހާރަކޮށްލައިފައިވާ އެ ގައުމުގެ ނިއުކުލިއާ ސައިންޓިސްޓެއް ކަމަށްވާ މަސްއޫދު އަލް މުހައްމަދީއާއި އެ ގައުމުގެ ޕްރޮފެސަރެއް ކަމަށްވާ މާޖިދު ޝަހްރިއާރީ އަށް ވެސް އެ ޖާސޫސް ފާރަލައި ހަދައިފައިވާ ކަމަށް ވެސް އިރާނުން ބުންޏެވެ.

މުހައްމަދީ އަވަހާރަކޮށްލައިފައި ވަނީ 2010 ވަނަ އަހަރު އޭނާގެ ގެ ކައިރީގައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވައިލައިގެންނެވެ. މާޖިދު އަވަހާރަކޮށްލީ އޭނާގެ ކާރުގައި ބޮމެއް ގޮއްވައިލައިގެންނެވެ.

ތެހެރާނުގެ ޕްރޮސިކިއުޓަރު ޖާފަރީ ދޯލަތްއަބާދީ ވިދާޅުވީ އެ ޖާސޫސް މޮސާދުގެ އަށް އޮފިސަރަކަށް މުހިންމު މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ ޖާސޫސަށް ސްވިޑެންގެ ރަށްވެހިކަމާއި ފައިސާ ވެސް މޮސާދުން ހުށަހެޅި ކަމަށް ވެސް ޖާފަރީ ވިދާޅުވި އެވެ.

އިރާނުގެ ނިއުކުލިއާ ސައިންޓިސްޓެއް ކަމަށްވާ ޝަހްރާމް އަމީރީ ވެސް މިދިޔަ އަހަރު ވަނީ އެމެރިކާ އަށް ޖާސޫސް ކުރިކަމުގެ ކުށުގައި ދަންޖައްސައިފަ އެވެ.

ޝަހްރާމް ވަނީ 2009 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި އުމްރާގެ އަޅުކަން އަދާކުރަނިކޮށް ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. ނަމަވެސް އޭގެ އެއް އަހަރު ފަހުން ޝަހްރާމް އެމެރިކާގައި އުޅެމުންދާ ކަން އެނގުނެވެ. ޝަހްރާމް އިރާނަށް އަނބުރާ ވަޑައިގެންނެވުމާ އެކު އިރާނުން ވަނީ އެކަން ތަހުގީގުކޮށް މަރުގެ ހުކުމް އިއްވައިފަ އެވެ.