މި މަހުގެ 31 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ދިވެހި ފިލްމު "ބޮސް"ގެ ތީމް ދެ ލަވަ މިރޭ ލޯންޗުކުރާނެއެވެ.

''އަހަރެންގެ ހިތް ހިމޭންވާން'' އަދި ''ލައްވާށި ރަހްމަތް'' މި ދެލަވަ ލޯންޗުކުރުމަށް ބާއްވާ ހަފްލާ އޮންނާނީ މިރޭ 10:00 އިން 11:00އަށް، މ. ކުލުނުވެހި، އަސަރީ މާލަމްގައެވެ.

ސަން ޓީވީން ވަގުތުން ދުރަށް ދެއްކުމަށް ހަމަޖެހިފައިވާ، "ބޮސް"ގެ ތީމް ލަވަތައް ރިލީޒްކުރުމުގެ ހަފްލާ، ބޮސްގެ ރަސްމީ ފޭސްބުކް ޕޭޖުންވެސް ވަގުތުން ދައްކާނެއެވެ. އަދި މި ހަފްލާގައި ބޮސްގެ ތަރީން ބައިވެރިވުމަށް ހަމަޖެހިފައި ވާއިރު، ބޮސްގެ ފޭސްބުކް މެދުވެރިކޮށް، ތަރީންނާ ސުވާލުކުރުމުގެ ފުރުސަތުވެސް ހުޅުވައިލެވޭނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. އަދި އިވެންޓް ކަވަރކުރުމުގެ ފުރުސަތުވެސް ވަނީ މީޑިއާތަކަށް ހުޅުވާލައިފައެވެ.

ބޮސްގެ ތީމް ލަވަތައް ލޯންޗުކުރުމަށް މިރޭ ބާއްވާ ހަފްލާގައި ފިލްމުގެ ތަރީންނާއި ޕްރޮޑަކްޝަން ޓީމުން ބައިވެރިވާނެ -- ފޮޓޯ: ކްރިސްޓަލްއެންޓަޓެއިންމެންޓް

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، ފާތިމަތު ނަހުލާ (ނަހޫ)ގެ އަސަރުގަދަ ލޯބީގެ ވާހަކައަކަށް، އޭނާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކުރަނީ، ކުޅަދާނަ ބަޠަލާ އައިޝަތު ރިޝްމީ ރަމީޒެވެ.

ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރި މަރިޔަމް އައްޒަ އާއި، ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އުންމީދީ ބަޠަލް، މުހައްމަދު ޔުނާން ލީޑު ރޯލުން ފެނިގެންދާ، "ބޮސް"ގެ ތީމް ލަވަތައް ކިޔައިދީފައި ވަނީ، މުހައްމަދު އަބްދުލް ޣަނީ (ތޭރަ) އާއި އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ)އެވެ.

އަހަރެންގެ ހިތް ހިމޭންވާން

"އަހަރެންގެ ހިތް ހިމޭންވާން އުޅޭހެން ހީވަނީއޭ،
ކެތްނުވާ ހިތްދަތިކަމެއް ތަޙައްމަލު ކުރެވެނީއޭ،
ދިރިހުރުން އެދިގެން ކަލާ، މަގޭ ހިތް ކެތް މަދުވެއޭ،
އަބަދުވެސް ހެޔޮހާލުގާ ވުމަށް ހިތް އެދިއެދިވެއޭ.."

މިއީ، ތޭރަގެ އަމިއްލަ ރާގަކަށް، އޭނާ އަމިއްލައަށް ކިޔާފައިވާ ހިތްގައިމު ލަވައެކެވެ.

ލައްވާށި ރަހްމަތް

މިއީ ކުޑައިއްބެ އަމިއްލައަށް މިއުޒިކާއި މެލޮޑީ ތައްޔާރުކޮށް، އޭނާގެ އަޑުން ކިޔައިދީފައިވާ ހިތްގައިމު ލަވައެކެވެ.

"ލައްވާށި ރަޙްމަތް، ލައްވާށި ރަޙްމަތް،
ޔާރައްބި އަޅުގެ ލޯތްބަށް ދެއްވުން އެދެމޭ ޝިފާ،
އައްސަވާ އަޅުގެ އާދޭސް، ދެއްވާންދޭ ހިތަށް އުފާ..."

މިއީ ދިވެހީންގެ މެދުގައި މިހާރުވެސް މަޝްހޫރު ގިނަ ލަވަތަކެއްގެ ޅެން ހަދާފައިވާ، މައުސޫމް ޝާކިރު ލިޔެފައިވާ ލަވައެކެވެ.

ދިވެހި ފިލްމު ބޮސްގެ ޕްރޮޑަކްޝަން ޓީމް -- ފޮޓޯ: ފޭސްބުކް

ތޭރައާއި ކުޑައިއްބެގެ އިތުރުން ބޮސްގެ ލަވަކިޔުންތެރީންގެ ތެރޭގައި ހިމެނެނީ، މާއިން ރަޝީދު، ރާފިޔަތު ރަމީޒާ، ފާތިމަތު އަޝްފާ، އަދި މޯލްޑިވިއަން އައިޑަލްއިން ވިދާލި ޝަލަބީ އިބްރާހިމާއި، އަހްމަދު ނަބީލް އަދި ހަމޫދެވެ.

ބޮސްގެ ހިތްގައިމު ލަވަތަށް ސެޕްޓެމްބަރު 8 ވަނަ ދުވަހު ރިލީޒްކޮށްފައި ވާއިރު އެ ލަވަތަށްސައުންޑް ކްލައުޑާއިމައިޓޯންސް އިންވެސް އަޑުއަހާލެވޭގޮތް ވަނީ ހަދައިފައެވެ.