އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހިމް ޕީޕަލްސް އެލައަންސް )ޕީއޭ( ވަކިވެވަޑައިގެންނެވި ކަމަށް މީޑިއާގައި އަޑުފެތުރިފައިވީ ނަމަވެސް އޭނާ ޕީއޭ އިން ވަކިވެވަޑައިގެންނެވި ކަން ރައްޔިތުންގެ މަޖިލީހަށް އަންގާފައި ނުވާ ކަމަށް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ. އަތޮޅުގެ އިސްދޫ ދާއިރާގެ ގޮނޑި ޕީއޭގެ ޓިކެޓްގައި ވާދަކުރައްވައިގެން ކާމިޔާބު ކުރެއްވި އަހުމަދު ރަޝީދު އެ ޕާޓީން ވަކިވެވަޑައިގެވި ކަމަށް ވިދާޅުވެ، އޭނާ ވަނީ ބައެއް މީޑީއާތަކަށް މިދިޔަ ބުރާސްފަތި ދުވަހު މައުލޫމާތު ދެއްވައިފަ އެވެ.

ނަމަވެސް މަޖިލީހުގެ އަމީން އާންމު ވިދާޅުވީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީން ވަކިވެވަޑައިގެން ކަމެއް މަޖިލީހުގެ އިދާރާއަކަށް އެނގިފައި ނުވާ ކަމަށާއި އަދި އެކަން މަޖިލީހަށް އަންގާފައި ވެސް ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް އަދި އެނގިފައެއް ނެތް ޕާޓީން ވަކިވެވަޑައިގެންނެވި ކަމެއް. އަދި އެކަން އަންގާފައެއް ވެސް ނެތް،" އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

އަހުމަދު ރަޝީދު ވޭތުވެދިޔަ ތިން ދުވަހު ވެސް ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގައި އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ޕީއޭ މެންބަރު ކަމުން އަހުމަދު ރަޝީދު ވަކިވެވަޑައިގެންނެވި ނަމަ، މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގައި ޕީއޭ ތަމްސީލް ކުރައްވާ އަދަދަށް ބަދަލު އަންނާނެ އެވެ.

މަޖިލީހުގެ މި އަހަރު ދެވަނަ ދައުރުގެ ޖަލްސާތައް ފެށި އިރު، ޑީއާރްޕީގެ ދެ މެންބަރުން އެމްޑީޕީ އަށް ގުޅިވަޑައިގެންފައިވެ އެވެ. އަދި އެ ޕާޓީގެ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ވެސް ވަނީ ޑީއާރްޕީން ވަކިވެވަޑައިގެން، މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހުގައި ވެލިދޫ ގޮނޑި ތަމްސީލް ކުރައްވަމުންނެވެ. އަދި އެ މެންބަރުން ޕާޓީން ވަކިވުމާ ގުޅިގެން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބުނު އިރު، ޑީއާރްޕީ/ޕީއޭ ކޯލިޝަން މިހާރު ވަނީ ރޫޅާލައިފަ އެވެ. އަދި ޑީއާރްޕީގެ މެންބަރުންނާއި ޕީއޭގެ މެންބަރުންނާއި މިނިވަން މެންބަރުނާ އެކު 20 މެންބަރުންގެ މައްޗަށް އެކުލެވޭ އިދިކޮޅު އިއްތިހާދެއް ވެސް ވަނީ އުފައްދާފަ އެވެ.