އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދ. ކުޑަހުވަދޫއާ ދެކޮޅަށް ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބުގެ އޮތީ ވަރުގަދަ އަޒުމެއްގައި ކަމަށާއި ކުޅުންތެރިންގެ ތިބީ ހިތްވަރާ އެކު މަސައްކަތް ކުރުމަށް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް(ނިޒާމްބެ) ބުނެފި އެވެ.

މެޗުގެ ކުރިން އިއްޔެ އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިޒާމްބެ ލީގުގެ ގަދަ ހަތަރެއްގައި ވާދަ ކުރާ ޓީމުތަކަށް ވުރެ ޓިސީ އަކީ މި ލެވެލްގެ ފުޓުބޯޅައިގައި ވަރަށް ޅަ ޓީމެއް ކަމަށާއި ެއެހެން ކަމުން ޓީސީ އަކީ ބޮޑު ކްލަބެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"މިއީ ޓީސީގެ ތިން ވަނަ އަހަރު. އެހެން ކަމުން މި ލެވެލްގެ ފުޓްބޯޅައިގައި އަދި ވަރަށް ޅަ ޓީމެއް މިއީ. ދެން ބައެއް މީހުން ޓީސީ އަކީ ބޮޑު ޓީމެކޭ އެ ބުނާ ސަބަބަކީ މިދިޔަ ދެ އަހަރު ލީގުގައި އޮތް ހިސާބަށް ބަލާފައި ކަމަށް ވެދާނެ. މިދިޔަ ދެ ސީޒަނުގައި ވެސް ޓީސީ އޮތީ މި ހިސާބެއްގައި. އެކަމަކު އަހަރެން އަދި ނުބުނާނަން ޓިސީ އަކީ ބޮޑު ޓީމެކޭ." ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ ފުރަތަމަ ބުރުގައި ކުޑަހުވަދޫ އަތުން ފަސޭހަ ކަމާ އެކު މޮޅުވި ނަމަވެސް މިބުރު އެ ނަތީޖާ ނުނިކުމެދާނެ ކަމަށާއި ސަބަބަކީ ހުރިހާ ޓީމެއް ވެސް ދެވަނަ ބުރުގައި ކުޅުން ރަނގަޅު ކަމަށް ފަހަގަ ކުރެވޭތީ ކަމަށެވެ.

"މި މެޗު ފަސޭހަނުވާނެ ކަމަށް ކުޅުންތެރިންނަށް ވިސްނައިދެމުން މިދަނީ. ޓީސީގެ ކެރިއަރުގައި މި ކަހަލަ މެޗެއް އަދި ފަސޭހައެއް ނުކޮށްލާ ގަބޫލެއް ވެސް ނުކުރަން ކޮށްލާނެ ކަމަށް. އެކަމަކު ގަބޫލުކުރެވޭ ގޮތުގައި ކުޑަހުވަދޫ ނުކުންނާނީ ބޮޑަށް ޑިފެންސިވް ގޭމަކަށް،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ ކޮންމެ ކުޅުންތެރިއަކަށް ވެސް ފުރަތަމަ އެގާރައިގައި ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށާއި އެހެންކަމުން ޓީމު ކުޅުންތެރިންގެ ތެރޭގައި ވަރަށް ބޮޑަށް ވާދަވެރިކަން އުފެދިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ދަނޑުމަތީގެ ޕާފޯމެންސް ވަރަށް ބޮޑުތަން ރަނގަޅުވަމުން އަންނަ ކަމަށް ނިޒާމްބެ ފާހަގަ ކުރި އެވެ.

ލީގުގެ ތާވަލުގައި ޓީސީ އޮތީ ނުވަ މެޗުން 22 ޕޮއިންޓާ އެކު ދެވަނައިގަ އެވެ. އަދ މިރޭގެ މެޗުން ޓީސީ މޮޅުވެއްޖެ ނަމަ ވަގުތީ ގޮތުން ނަމަވެސް އެއްވަނައިގަ 24 ޕޮއިންޓާ އެކު އޮތް ނިއު ރޭޑިއަންޓަ ފަހަތަށް ޖައްސާލުމަށް ތާވަލުގެ އެންމެ ކުރި އަށް އެ ޓީމު ޖެހިލާނެ އެވެ.