25 Oct 2017, 12:44
އައްޑޫ ސިޓީގައި ކުނިއުކައިލުމުގެ ހިދުމަތް ދިނުމަށް ފަސް ވެހިކަލް އެ ސިޓީ އަށް ގެންގޮސްފި އެވެ.
އައްޑޫ ސިޓީގައި ކުނި އުކައިލުމުގެ ހިދުމަތް ދެމުން އަންނަ ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖާ މުހައްމަދު އިގްބާލު މިއަދު ސަން އަށް ވިދާޅުވީ އައްޑު އަށް އަލަށް ގެންދިޔައީ ތިން ކޮމްޕެކްޓާ ޓްރަކް އާއި ދެ ޑަމްޕް ޓްރަކް ކަމަށެވެ. މީގެ ތެރެއިން ދެ ކޮމްޕެކްޓާ ޓްރަކާއި ޑަމްޕް ޓްރަކެއް ބޭނުން ކުރާނީ އެސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކުނި އުކައިލުމުގެ ހިދުމަތް ދިނުމަށް ކަމަށާއި އަނެއް ދެ ވެހިކަލް ބޭނުން ކުރާނީ ހުޅުމީދޫގައި ހިދުމަތް ދިނުމަށް ކަމަށް އިގްބާލް ވިދާޅުވި އެވެ.
ވެމްކޯ އިން އައްޑޫ ސިޓީގައި ކުނި އުކައިލުމުގައި މިހާރު ބޭނުން ކުރަނީ ތިން ކޮމްޕެކްޓާ ޓްރަކް އެވެ. އެއީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ދެ ކޮމްޕެކްޓާ ޓްރަކް އަދި ހުޅުމީދޫގައި އެއް ކޮމްޕެކްޓާ ޓްރަކް އެވެ. ދެން އެ މަސައްކަތުގައި ބޭނުން ކުރަމުން އަންނަނީ އެމްއާރްޑީސީގެ ވެހިކަލްތައް ކުއްޔަށް ހިފައިގެންނެވެ.
އަލަށް ގެންދިޔަ ވެހިކަލްތައް އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ބޭނުން ކުރަން ފަށާނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.
ވެމްކޯ އިން އަންނަނީ މާލެ ސަރަހައްދުގެ މާލެ އާއި ހުޅުމާލޭގައި ކުނި އުކައިލުމުގެ ހިދުމަތް ދެމުންނެވެ. އެ ކުންފުނިން އަންނަނީ ވިލިމާލޭގައި ކުނިއުކައިލުމުގެ މަސައްކަތް ފެށުމަށް ވެސް ތައްޔާރުވަމުންނެވެ.