25 Oct 2017, 12:45
ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ފުރަތަމަ ފްރެންޗައިޒް ޝޯ "މޯލްޑިވިއަން އައިޑޮލް"ގެ ތިންވަނަ ސީޒަންގެ ވެސް ޓައިޓުލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މޯލްޑިވިއަން އައިޑޮލްގެ ޓައިޓުލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ދިރާގުގެ ހެޑް އޮފީސްގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދެވެ. އަދި މޯލްޑިވިއަން އައިޑޮލް ބާއްވަމުން އަންނަ ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދިރާގުގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވިދާޅުވީ، މޯލްޑިވިއަން އައިޑޮލަކީ ޒުވާނުންނާއި ދިރާގުގެ ކަސްޓަމަރުންގެ މެދުގައި ވަރަށް ކާމިޔާބު ޝޯއެއް ކަމަށެވެ. އަދި މޯލްޑިވިއަން އައިޑޮލްއަކީ ޒުވާނުންގެ ލަވަކިއުމާއި މިއުޒިކްގެ ހުނަރުތަށް ތަރައްގީ ކުރުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ، ދިރާގަކީ އަބަދުވެސް ޕީއެސްއެމް، ޓީވީއެމް އަދި ދިވެހި ރާއްޖޭގެ އަޑުން ކުރާ އެފަދަ ކޮންމެ ކަމެއްގައިވެސް ޕާޓްނަރެއްގެ ގޮތުގައި އެހީތެރިކަން ދެއްވަމުން އަންނަ ކުންފުންޏެއް ކަމަށެވެ.
މޯލްޑިވިއަން އައިޑޮލް ބާއްވާނަމަ، ދިރާގުން ޓައިޓުލް ސްޕޮންސަރުކަން ނަގައި ސޮއި ނުކުރާނަމަ މޯލްޑިވިއަން އައިޑޮލް ނުބޭއްވޭނެ ކަމަށް ހަލީލް ވިދާޅުވިއެވެ.
މޯލްޑިވިއަން އައިޑޮލް އަކީ 2015 ވަނަ އަހަރުން ފެށީގެން ޕީއެސްއެމުން ބްރޯޑްކާސްޓް ކުރަމުން އަންނަ ރާއްޖޭގެ ފުރަތަމަ ފްރެންޗައިޒް ޝޯއެވެ. އަދި ވޭތުވެދިޔަ ދެ ސީޒަންގައި ވެސް އެ ޝޯގެ ޓައިޓުލް ސްޕޮންސަރަކީ ދިރާގެވެ.