26 Oct 2017, 08:40
އެއްވެސް ދިރިއުޅުމަކީ އެންމެ ފުރިހަމަ ދިރިއުޅުމެއް ނޫނެވެ. ކައިވެންޏެއް ކުރިނަމަވެސް އަދި އެއީ "ހެޕިލީ އެވަ އާފްޓާ"އެއްވެސް ނޫނެވެ. ދިރިއުޅުމުގައި އަޑިގަނޑުތަކާ އުސްގަނޑުތައް އަންނާނެއެވެ. ދެމަފިރިއެއްގެ ދިރިއުޅުމުގައިވެސް މައްސަލަތައް ޖެހޭނެއެވެ. މި މައްސަލަތައް ހައްލު ކުރުމަށް ދެމީހުން އެކީ މަޝްވަރާކޮށް ވާހަކަ ދައްކަންވާނެއެވެ.
އާންމުކޮށް ދެމަފިރިންގެ ދެމެދު މައްސަލަ ޖެހެނީ ކީއްވެ ހެއްޔެވެ؟ ފައިސާގެ ދަތިކަން ކުރިމަތިވުމާ، އިމޯޝަނަލްް މިސްއަންޑަސްޓޭންޑިންގްސް އަދި ކައިވެނިން ބޭރުން އެހެން ގުޅުންތައް ބޭއްވުމަކީ ކައިވެންޏެއްގައި ކުނިޖެހެން މެދުވެރިވާ ސަބަބުތަކެވެ. ނަމަވެސް ރިލޭޝަންޝިޕް އެކްސްޕާޓުން ވިދާޅުވާގޮތުގައި ކައިވެންޏެއްގައި މައްސަލަޖެހި އެކަން ހައްލުނުކުރެވި ވަރިއާއި ހަމައަށް ދާން ޖެހެނީ އެންމެ މައްސަލައެއްގެ ސަބަބުންނެވެ. އެއީ "އެކްސްޕެކްޓޭޝަން" ނޫނީ އަނެކާގެ ފަރާތުން މާބޮޑަށް ކަމަކަށް އުއްމީދު ކުރެވުމެވެ.
އަނބިމީހާ ނޫނީ ފިރިމީހާގެ ފަރާތުން ކަމަކަށް އުއްމީދު ކުރެވުނު ނަމަވެސް އެކަމެއް ހާސިލް ނުވެވުމަކީ ކައިވެނިތައް ރޫޅުމަށް ދިމާވާ އެންމެ އާންމު ސަބަބު ކަމަށް ދިރާސާއަކުން ވަނީ ދައްކައިފައެވެ. މި ދިރާސާގައި ބުނެފައިވަނީ ކައިވެނީގެ އިތުރުން ދޭދޭ މީހުންގެެ މެދުގައި އޮންނަ އެހެން ގުޅުންތައްވެސް މިކަމުގެ ސަބަބުން ރޫޅިގެންދާކަމަށެވެ.
"ކައިވެންޏެއް ކުރަނީ ނޫނީ ގުޅުމެއް އުފައްދަނީ އަނެކާގެ ފަރާތުންވެސް ކަންތައްތަކެއް ހާސިލްވާނެކަމުގެ އުއްމީދުގައި، ނޫނީ އަނެކާގެ ފަރާތުން ބަދަލެއް ފެންނާނެ ކަމަށް ބަލައިގެން. މިފަދަ އުއްމީދުތައް ހާސިލް ނުވުމުން ގުޅުންތަކުގައި ކުނިޖެހެންފަށާ،" ރިލޭޝަންޝިޕް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޖޭމްސް ޕްރީސް ވިދާޅުވެފައިވެއެވެ.
މިކަމަށް އޮތް ހައްލަކީ ދެމީހުން ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. ދެމަފިރިއަކަށް ވާހިސާބުން އެއީ އެއް ދިރިއުޅުމެއް ހިއްސާކުރާ ދެމީހުންނެވެ. ދިރިއުޅުމުގެ ގޯލްތައް ސެޓް ކުރަންވާނީ ދެމީހުން ވާހަކަ ދައްކައިގެންނެވެ. އެކަންތައް ހާސިލްކުރުމަށް ދެމަފިރިން ގުޅިގެން މަސައްކަތްކުރާނަމަ ދިރިއުޅުން އުފާވެރިވާނެއެވެ.