25 Oct 2017, 12:04
ބެއިޖިން(އޮކްޓޯބަރު 25): ޗައިނާގައި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ލީޑަރު ކަމަށް ޝީ ޖިންޕިން އަނެއްކާވެސް އައްޔަންކޮށްފި އެވެ.
އުމުރުން 64 އަހަރުގެ ޝީ، ފަސް އަހަރުގެ ދެ ވަނަ ދައުރަކަށް އައްޔަން ކުރީ އެގައުމުގައި ހަފްތާއެއް ވަންދެން ކުރިއަށްގެންދިޔަ ކޮމިއުނިސްޓް ޕާޓީ ކޮންގްރެސްގައެވެ. ގާތްގަނޑަކަށް 2،350 ޑެލިގޭޓުން ބައިވެރިވި އެކޮންގްރެސްގައި ވަނީ ޗައިނާގެ އެންމެ ބާރުގަދަ ކޮމިޓީކަމަށްވާ ޕޮލިޓްބިއުރޯ ސްޓޭންޑިން ކޮމިޓީގެ ހަތް މެމްބަރުންވެސް އައްޔަންކޮށްފައެވެ.
އޭގެ ތެރޭގައި ޗައިނާގެ ބޮޑުވަޒީރު ލީ ކިޗަންގް، ބޮޑުވަޒީރުގެ ނައިބު ވަންގް ޔަންގް، ޝަންހާއީގެ ޕާޓީ ސެކްރެޓަރީ ހަން ޒެންގް، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ލީޑަރު ކަމަށް އައްޔަން ކުރާނެ ކަމަށް ބެލެވޭ ޒާއޯ ލެޖީ، ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމަށް އައްޔަން ކުރާނެ ކަމަށް ބެލެވޭ ލީ ޒަންޝޫ އަދި ޝީގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ވަންގް ހުނިން ހިމެނެ އެވެ.
މީގެ އިތުރުން އެ ކޮންގްރެސްގައި ވަނީ ރައީސް ޝީގެ ސިޔާސީ ވިސްނުންފުޅު އެގައުމުގެ ގާނޫނު އަސާސީގައި ހިމަނަން ފާސްކޮށްފައެވެ. އޭގެ ސަބަބުން ޝީ ވަނީ ކޮމިއުނިސްޓު ޕާޓީގެ ބާނީ މާއޯ ޒެޑޮންގަށް ފަހު ޗައިނާގައި ވެރިކަން ކުރާ އެންމެ ބާރުގަދަ ލީޑަރަކަށްވެ، ވެރިކަމުން ފައިބައިވަޑައިގަތުމުންވެސް އޭނާގެ ބާރާއި ނުފޫޒު ދެމިގެންދާނެ ކަން ޔަގީންކޮށްފައެވެ. (ބީބީސީ)