25 Oct 2017, 11:10
އުރީދޫ ދިވެހި ޕްރިމިއަރ ލީގަށް ވުރެ މާލޭ ލީގު މާ ވާދަވެރި ކަމަށާއި އެ ދެ ލީގު އަޅާ ނުކިޔޭނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު މަޔްރަން ސެކުލޮވްސްކީ ބުނެފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ގދ. ތިނަދުއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސެކުލޮވްސްކީީ ބުނީ، މާލޭ ލީގުގައި ވާދަ ކުރާ، ގާތް ގަނޑަކަށް ހުރިހާ ޓީމުތަކަކީ ވެސް ބޮޑު ތާރީހެއް އޮންނަ ޓީމުތަކެއް ކަމަށާއި ނަމަވެސް ޕްރިމިއަރ ލީގުގައި އެކަން އޮތީ އެހެން ނޫން ކަމަށެވެ.
"ޕްރިމިއަރ ލީގާއި މާލޭ ލީގާ ވަރަށް ތަފާތު. ދެ ލީގު އަޅާ ވެސް ނުކިޔޭނެ. އަހަރެން ގަބޫލު ކުރާ ގޮތުގައި ޕްރިމިއަރ ލީގަށް ވުރެ މާލޭ ލީގު ވާދަވެރި. ޓީމުތައް ވެސް ވަރުގަދަ ވެފައި ހުރިހާ ޓީމެއްގެ ފެންވަރު ވެސް އެއްވަރެއްގައި ހުންނަނީ،" ސެކުލޮވްސްކީ ބުންޏެވެ.
އޭނާ ބުނީ ޕްރިމިއަރ ލީގުގައި ވާދަ ކުރާ ހުރިހާ ޓީމަކަށް ވެސް އޭނާ އިހްތިރާމު ކުރާ ކަމަށާއި ނަމަވެސް މާޒިޔާ، ނިއު ރޭޑިއަންޓް، ޓީސީ، ގްރީން ޓްރީޓްސް އަދި ތިނަދުއަކީ ގާތްގަނޑަކަށް އެއްފެންވަރެއްގެެ ޓީމުތަކެއް ނަމަވެސް ބާކީ ޓީމުތައް އެޔަށް ވުރެ ތަންކޮޅެއް ދަށް ކަމަށެވެ.
"އަހަރެން ހުރިހާ ޓީމަކަށް ވެސް އިހްތިރާމު ކުރަން. ނަމަވެސް މާލޭ ލީގުގައި ވެލެންސިއާ ވިކްޓްރީ ފަދަ ޓީމުތައް ކުޅޭއިރު ޕްރިމިއަރ ލީގުގައި ޓީމުތައް އެޔާ ވަރަށް ތަފާތު. މާލޭ ލީގުގައި ހުރިހާ ގޭމެއް ވެސް ވަރަށް އުނދަގޫ،" ސެކުލޮވްސީ ބުންޏެވެ.
ސެކުލޮވްސްކީ ބުނީ ތިނަދުއަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެހެން ޓީމުތަކާ ފެންވަރުގެ ގޮތުން ދާދި އެއްވަރެއް ޓީމެއް ކަމަށެވެ. އަދި އެ ޓީމުގެ ބެންޗުގައި މޮޅަށް ކުޅޭ ތިން ހަތަރު ކުޅުންތެރިއެއް އެބަ ތިބި ކަމަށާއި މިއަދު ކުޅެން ޖެހޭނީ ވަރަށް އުނދަގޫ މެޗެއް ކަމަށެވެ.
އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އޮތީ 19 ޕޮއިންޓާ އެކު ތިން ވަނައިގައެވެ. އެއް ވަނައިގައި 24 ޕޮއިންޓާ އެކު ނިއު ރޭޑިއަންޓާ އެ ޓީމާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.