25 Oct 2017, 11:04
ެއެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްގެ "ހައްޖު އަދި އުމްރާ ތަކާފުލް ޕްލޭން" އަށް ސައުތު އޭޝިޔާ ބައްރުގެ އެންމެ އުފެއްދުންތެރި ޕްރޮޑަކްޓްގެ ގޯލްޑް އެވޯޑެއް ލިބިއްޖެއެވެ.
މި އެވޯޑް ހަވާލުކޮށްފައިވަނީ ރޭ ސްރީލަންކާގައި ބޭއްވި އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިޔާ (އިފްސާގެ) ދެވަނަ އަހަރުގެ ބައްދަލުވުމުގައެވެ. އަޔާދީގެ ފަރާތުން މިއެވޯޑާއި ހަވާލުވެލެއްވީ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާންއެވެ.
ޔޫ.ޓީ.އޯ އެޑިޔު ކޮންސަލްޓުން އިންތިޒާމްކޮށްގެން ބޭއްވި މިހަފްލާގައި އަޔާދީއަށް ވަނީ އެންމެ ކާމިޔާބު އިސްލާމިކް އިންޝުއަރަންސް ފޯރުކޮށްދޭ ވިންޑޯ
ކެޓަގަރީއިން ސިލްވަރ އެވޯޑުވެސް ލިބިފައެވެ.
އެލައިޑުން 2015 ވަނަ އަހަރު ތައާރަފު ކުރި "އަޔާދީ ހައްޖު އަދި އުމްރާ ތަކާފުލް" އަކީ އިސްލާމީ ޝަރީއަތުގެ އަސާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން އެއް ލައްކަ ރުފިޔާއާއި ހަމައަށް ބަދަލު ލިބޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ.
އެގޮތުން ބަދަލު ލިބޭ ކަންކަމުގެ ތެރޭގައި ބައިވެރިންނަށް ދަތުރުމަތީގައި ކުރިމަތިވާ ބަލިމަޑުކަމަކުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ހަށިގަނޑަށް
ލިބޭ ގެއްލުމަށް ސިއްޙީ ފަރުވާކުރުމަށް ހިނގާ ޚަރަދު، ޕާސްޕޯޓް ގެއްލިގެން ލިބޭ ގެއްލުން، ފައިސާއާއި އަގުހުރި ތަކެތި ގެއްލިގެން ލިބޭ ގެއްލުމާއި ޗެކިން ކޮށްފައި ހުންނަ ލަގެޖު ފަދަ ތަކެތި ގެއްލިގެން ނުވަތަ ޗެކިން ކުރުމަށްފަހު އަނބުރާ ލިބުމުގައި ލަސްވެގެން ދިމާވާ ގެއްލުން ހިމެނެއެވެ.
އަޔާދީ ތަކާފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ ވިދާޅުވީ، އަޔާދީގެ
މަސައްކަތްތަށް އަގުވަޒަންކުރުމުގެ ގޮތުން މިލިބުނު އެވޯޑަކީ ކުރިޔަށްދިޔުމަށް އިތުރު ހިތްވަރެއް ކަމަށާއި ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ކުރިޔަށް އޮތް ތަނުގައިވެސް އެ ކުންފުނިން އިތުރު މަސައްކަތް ތަކެއް ކުރައްވާނެ ކަމަށެވެ.
އަދި އަޔާދީގެ އެންމެ ބޮޑު ރައުސުލްމާލަކީ ކުންފުނީގެ ކަސްޓަމަރުން ކަމަށާ މި ކާމިޔާބީ އާއެކު ކަސްޓަމަރުންނަށް ޝުކުރު ދަންނަވާކަމަށް ނިމްޒާ ވިދާޅުވިއެވެ.