25 Oct 2017, 10:47
ސަޕްލިމެންޓަރީ ބަޖެޓަށް ބަހުސް ކުރަން މިހާރު ރައްޔިތުން މަޖިލީހުގައި ކުރިއަށްދާ މުހިއްމު ޖަލްސާގައި އިދިކޮޅު މެމްބަރުން ބައިވެރިވެ ވަޑައިނުގެން، އެ ޖަލްސާ ބޮއިކޮޓް ކުރައްވައިފިއެވެ.
މި އަހަރުގެ ތިންވަނަ ދައުރުގެ ހަތަރުވަނަ ޖަލްސާ ފެށިގެން ކުރިއަށްދާއިރު އިދިކޮޅު އިއްތިހާދުގައި ހިމެނވަޑައިގަންނަވާ އެއްވެސް މެމްބަރަކު އެ ޖަލްސާގައި ބައިވެރިވެފައެއް ނުވެއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިސްތިއުފާއަށް ގޮވާލައި މި ދައުރުގެ ގިނަ ޖަލްސާ ތަކުގައި އިދިކޮޅު މެމްބަރުން އިހުތިޖާޖްކުރި ނަަމަވެސް އިއްޔެ ކުރިއަށްދިޔަ ޖަލްސާގެ ވަކި ހިސާބަކުންވެސް އިދިކޮޅު މެމްބަރުން ވަނީ މަޖިލިސް ދޫކުރައްވައި ވަޑައިގަންނަވާފައެވެ.
މިއަދުގެ ޖަލްސާގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މުސާމަނިކު ވިދާޅުވީ ޑިމޮކްރަސީއޭ ކިޔައިގެން މަޖިލީހުގެ ތެރޭގައި ބަޔަކު އަޑު ގަދަކުރި ނަމަވެސް ކަންކަން ކުރަންވީ ގޮތް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ލިޔެވިފައި އެބައޮތް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ އިދިކޮޅު މެމްބަރުން ވާހަކަ ދެއްކި ނަމަވެސް ހަމަ އެކަނި އިރުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަކުން ނުވާ ކަމަށާއި ވޯޓުވެސް ނަގަންޖެހޭ ކަމަށެވެ.
ދައުލަތުން މިއަހަރު އިތުރަށް ކުރަންޖެހޭ ހަރަދުތަކާ ގުޅިގެން، މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓުގައިވާ ފައިސާގެ ޖުމްލަ އަދަދަކަށް، 493 މިލިއަން ރުފިޔާވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.
މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައި ނުގަންވަނީ ކީއްވެގެން ކަމެއް އަދި އިދިކޮޅު އިއްތިހާދުން ހާމަކޮށްފައެއް ނުވެއެވެ.