25 Oct 2017, 12:52
އިރާގުގެ ކިބައިން ވަކިވެގަތުމަށް މަސައްކަތްކުރާ ކުރުދީން، މިނިވަންކަން އިއުލާންކުރުން މަޑުޖައްސާލައި އެ ގައުމުގެ ސަރުކާރާ ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށް ބުނެފިއެވެ.
އިރާގުގެ ކުރުދިސްތާނުގެ ރީޖަނަލް ގަވާމަންޓު (ކޭއާރްޖީ) އިން މިއަދުުނެރުނު ބަޔާނުގައިބުނީ މިހާރު އިރާގުގެ ސަރުކާރުގެ ސިފައިންނާ ކުރުދީ ޕަޝްމަރެގާ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރެވުންދާ ހަމަލާތައް އިތުރަށް ވަރުގަދަވެގެން ގޮސްދާނެތީވެ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ބޭނުންވާ ކަމަށެވެ.
މިނިވަންކަން އިއުލާން ކުރުމަށް ނެގި ފެންނަ ނުފެންނަ ވޯޓަށް ވަރަށް ފުރިހަމަ އަގުލަބިއްޔަތަކާއެކު ކުރުދީން ވަނީ އާން ބަސް ބުނެފައެވެ.
އިރާގުގެ ސަރުކާރުން ވަނީ އެ ވޯޓަކީ ގާނޫނާ ހިލާފު ވޯޓެއް ކަމަށާއި އަދި ވޯޓުގެ ނަތީޖާ ބާތިލް ކުރުމަށް ގޮވައިލައިފައެވެ.
ކުރުދީން ކޮންޓްރޯލް ކުރަމުންދިޔަ އިރާގުގެ ތެލުގެ މުއްސަނދިކަން ލިބިފައިވާ ކިރްކުކް ސަރަހައްދު މިދިޔަ ހަފުތާގައި ވަނީ އިރާގުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި އިރާގުގެ ސަރުކާރާއި ކުރުދީންނާ މިލްކުވެރިކަމުގައި މައްސަލަ ޖެހިފައިވާ ސަރަހައްދުތައް، އިރާގުގެ ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަށްޓަކައި މިހާރު ވެސް ދަނީ ހަމާލާތައް ބަދަލުކުރަމުންނެވެ.
"ހަނގުރާމަ އިތުރަށް ކުރިއަށް ދަންޏާ އެއްވެސް ބަޔަކަށް ކާމިޔާބެއް ނުލިބޭނެ، އޭރުން ގައުމު ވެއްޓޭނީ ބޮޑު ހަމަނުޖެހުމުގެ ތެރެއަށް،" ކޭއާރްޖީން ނެރުނު ބަޔާނުގައި ބުންޏެވެ.