މިއަހަރުގެ ޖުމްހޫރީ ދުވަހާ ގައުމީ ދުވަހުގެ ޖަލްސާ އެއްކޮށް ބޭއްވުމަށް ނިންމުމަށްފަހު ދެ ޖަލްސާ ވަކިން ބޭއްވުމަށް އަލުން ނިންމައިފިއެވެ.

ސާދަ ސަތޭކަ ތިރީސް ނުވަ ވަނަ އަހަރުގެ ޤައުމީ ދުވަސް ނޮވެންބަރު މަހުގެ 19 ވާ އާދީއްތަ ދުވަހާ ދިމާވާތީ، ޖުމްހޫރީ ދުވަހާއި ޤައުމީ ދުވަސް ކައިރި ކައިރީގައި އަންނާތީ، މި ދެ މުނާސަބަތާ ގުޅުވައިގެން ނޮވެންބަރު މަހުގެ 16 ވަނަ ދުވަހުގެރޭ އެއް ޖަލްސާ ބޭއްވެވުމަށް ކުރިން ވަނީ ނިންމައިފައެވެ. ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު 11 އެވެ.

ރައީސް އޮފީހުން ރޭ ބުނީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާ ނޮވެމްބަރު 11 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށެވެ. ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ސަރުކާރުން ކޮންމެ އަހަރަކުވެސް ދެއްވަމުން ގެންދަވާ ޤައުމީ އިނާމާއި، މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން އޮންނާނެއެވެ.

މީގެއިތުރުން، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡުކަމުގެ ސަނަދު މިއަހަރު ހާސިލުކުރެއްވި ޙާފިޡުންނަށާއި، ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށާއި، މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދެއްވުން އޮންނާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ޤައުމީ ދުވަސް ވަކިން ފާހަގަކުރާ ގޮތަށް ނިންމެވުމާ ގުޅިގެން، ޤައުމީ ދުވަހަށް ވަކި ޚާއްޞަ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އެކުލަވައިލާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.