25 Oct 2017, 11:08
ދޮށީ އުމުރަށް ދިޔުމުން ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ރިޔާސީ ދެ ދައުރު ނިމިގެންދާ އިރު ރައްޔިތުން ހިތްހަމަޖެހޭ ވަރުގެ މަސައްކަތްތަކެއް ކުރެވިފައި އޮންނާނެ ކަމަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރ. މީދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދޮށީ އުމުރަށް ދިޔުމުން ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ ގޮތަށް އެކަން ކުރައްވަން ވެސް ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގަންނަ ވާނީ ރިޔާސީ ދެ ދައުރު ކަމަށާއި އެ ދެ ދައުރުގެ ތެރޭގައި ރައްޔިތުން ހިތްހަމަޖެހޭ ވަރުގެ މަސައްކަތްތަކެއް ކުރައްވަން ބެނުންފުޅުވާ ކަމަށެވެ.
"އަޅުގަނޑު ވެސް ބޭނުމެއް ނުވޭ ދޮށީ އުމުރަށް ދިޔާމާ އެއްގޮތަކަށް ވެސް ރައްޔިތުން ނަށް ހިދުމަތް ކުރެވޭނެ ކަމަށް. އަޅުގަނޑަށް ގަބޫލެއްނުކުރެވޭ. އެހެންވީމާ 60 އަހަރުގެ ތެރޭގައި ދެނެއް މިދާއިރާގެ ތެރެއިން ވިދާޅުވާނެ ކަންކަން މަދެއް ނުވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަނެއްކާ ވެސް ރައްޔިތުންނާ ބައްދަލުކޮށް އެ ރައްޔިތުންގެ ގާތަށް ދަތުރު ކުރައްވަނީ އެމަނިކުފާނު އުންމީދު ކުރައްވާ ކަންތައްތަކެއްގެ ކުރެހުން ހިއްޕަވައިގެން ކަމަށާއި އެ ކުރެހުމުގައި ކުލަޖެއްސުމުގެ ފުރުޞަތު ރައްޔިތުން ދެއްވައިފި ނަމަ އެކަން ކުރުމަކީ އެމަނިކުފާނު ކުރައްވަން ބޭނުންފުޅުވާ ކަމެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ 2013 ވަނަ އަހަރު އެމަނިކުފާނު ކުރެހި ކުރެހުމުގައި ކުލަޖައްސައި މުޅިންހެން ނިމިފައިވާ ކަމަށާއި ޒުވާނުންނަށް ހިމެނި އެއްވެސް ކަމެއް ނުވެ ނެތް ކަމަށެވެ. އަދި ދޮށީ އުމުގެ މީހުންނަށް ވައުދުވެ ވަޑައިގެން ކަންކަން ވެސް ފުރިހަމަ ވެފައިވާ ކަމަށެވެ.
ރައީސް ޔާމީން ވަނީ ރ. އަތޮޅު ފައިނު، މަޑުއްވަރީ އަދި މީދޫ އަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވައިފަ އެވެ. އޭގެ އިތުރުން އެ ރަށްރަށުގައި ގާއިމު ކުރި ތަރައްގީގެ މަޝްރުއުތައް އިފްތިތާހު ވެސް ކޮށްދެއްވީ އެމަނިކުފާނު އެވެ.