25 Oct 2017, 13:06
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުޑަކުދިންނަށް ކުރާ އަސަރު ބުނެދިނުމަށް ވޯކްޝޮޕެއް ފަށައިފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީ އާއި ޔުނިސެފް ގުޅިގެންް "ޑިސެމިނޭޝަން ވޯކްޝޮޕް އޮން އެފެކްޓްސް އޮފް ކްލައިމެޓް ޗޭންޖް އޮން ޗިލްޑްރަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ފެއްޓި އެއް ދުވަހުގެ އެ ވޯކްޝޮޕްގައި މޫސުމަށް އަންނަ ބަދަލާ ގުޅިގެން ކުޑަކުދިންނަށް ކުރާނެ އަސަރާ މެދު މަޝްވަރާ ކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުންޏެވެ.
ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖްވަދު މުސްތަފާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ އެއްބަޔަކީ ކުޑަކުދިން ކަމަށާއި އެ ކަމާ ގުޅޭ ދިރާސާތައްކޮށް އަޅަން ޖެހޭ ފިޔަވަޅުތައް ޕޮލިސީ ލެވެލްގައި އަޅަން ޖެހޭ ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރު ކުރާނެ އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ތިމާވެށީގެ މައްސަލަތަކުގެ އިތުރުން އިޖުތިމާއީ މައްސަލަތަކަށް ވެސް ހައްލެއް ބޭނުންވާ ކަމަށް އަޖްވަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިފަދަ މައްސަލަތަކާ ގުޅޭ ދިރާސާތަކަށް މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދެން ޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުނިސެފްގެ އޮފިސާ އިންޗާޖު އަމަދައު ސީކް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު އެ ޖަމްއިއްޔާ އިން މަސައްކަތް ކުރާނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުޑަ ކުދިންނަށް ކުރާ އަސަރުތައް ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާ ބެހޭ ދިރާސާތައްކޮށް އެކަންތައް ތަންފީޒު ކުރުމަށް ކަމަށެވެ.