ގދ. ތިނަދޫ އަށް އަދި ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ހުރިހާ މަގެއް ބަންދު ނުވާ ކަމަށާއި ނަމަވެސް މިވަގުތު އެ ހިސާބަށް ދިއުމަށް އެ ޓީމު އޮތީ އުނދަގޫ ހާލަތެއްގައި ކަމަށް ތިނަދޫގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާ އާ ދެކޮޅަށް ތިނަދޫ ނިކުންނަ އިރު، އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުގައި ދ. ކުޑަހުވަދޫ ކައިރިން ވަނީ އެއްވަރުވެ ގަދަ ހަތަރަކަށް އެރުމަށް ލިބުނު ފުރުސަތު ގެއްލިފަ އެވެ. އެއާ އެކު އެ ޓީމަށް 11 ޕޮއިންޓާ އެކު ލިބެނީ ތާވަލުގެ ފަސް ވަނަ އެވެ. އަދި މިއަދުގެ މެޗުން ތިނަދޫ މޮޅު ވެއްޖެ ނަމަ ވަގުތީ ގޮތުން ތާވަލުގެ ހަތަރު ވަނަ މަގާމަށް ޖެހިލާނެ އެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ ތިނަދުއަކީ މޮޅެތި ރަނގަޅު ކުޅުންތެރިންތަކެއް ތިބި ޓީމެއްކަން މިދިޔަ މެޗުން ވެސް އެނގިގެން ގޮސްފައިވާ ކަމަށެވެ.

"ކުޑަހުވަދޫ އާ އެއްވަރުވި ހިސާބުން ތިނަދޫ އަށް ގަދަ ހަތަރަކަށް އެރުމުގެ ހުރީ މަގެއް ބަންދުވީއެއް ނޫން. އެކަމަކު މިހާރު މިއޮތީ ބައިވަރު މަސައްކަތްތަކެއް ކުރަން ޖެހިފައި. ހާއްސަކޮށް ގްރީން ސްޓްރީޓްސް އާ ވާދަ ކުރަން މި ޖެހެނީ ގަދަ ހަތަރަކަށް އެރުމަށް. އެ ޓީމާ މެޗެއް ވެސް އެބައޮތް. އެހެންވީމާ އަދި ހަމަ ފުރުސަތު އެބައޮތް." ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ އޭނާ ތިނަދޫގެ ކޯޗުކަމާ ހަވާލުވި ފަހުން ޓީމުގެ ރޫހު ރަނގަޅު ވެފައިވާ ކަމަށާއި ކުރިއަށް ހުރި މެޗުތައް ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ކުޅެން ޖެހުމަކީ ތިނަދޫ ޓީމަށް ލިބޭ އެޑްވާންޓޭޖެއް ކަމަށެވެ.

"އަޅުގަނޑުމެން އެހެން ޓީމެއްގެ ހާލަތަކަށް ނުބަލައި މަސައްކަތް ކުރާނީ މިހާރު މި އޮތް 11 ޕޮއިންޓާ އެކު ގަދަ ހަތަރު ޓީމުގެ ތެރެއަށް ވަދެވޭތޯ. އެކަމަށް ބޭނުންވާ ފޯމިއުލާތަކުގެ ބޭނުން ހިފާނީ." ސުޒޭން ބުންޏެވެ.

ސުޒޭން ތިނަދޫގެ ކޯޗުކަމާ ހަވާލުވެ ކުޅުނު ދެ މެޗުގެ ތެރެއިން ޓީސީ އަތުން ހަނި ގޮތަކަށް ބަލިވެފައިވާ އިރު، ކުޑަހުވަދޫ އަތުން ވަނީ އެއްވަރު ވެފަ އެވެ.