25 Oct 2017, 10:42
ރިޔާޒް (އޮކްޓޯބަރ 25): އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތައް ނައްތާލައްވާނެ ކަމަށާ މެދުމިނުގެ ދީނީ ފިކުރަށް ސައޫދީ މުޖްތަމައު އަލުން އެނބުރި ރުޖޫޢަވާނެ ކަމަށް އެގައުމުގެ ބާރުގަދަ މީހާގެ ނަމުން ސިފަކުރެވޭ ވަލީއުލްއަހްދު މުހައްމަދު ބިންސަލްމާން ވިދާޅުވެއްޖެ އެވެ.
ސައޫދީ ކޮންޒަވެޓިވް މުޖްތަމައު ޒަމާނާއެއްގޮތަށް ތަރައްގީ ކުރުމަށް މުހައްމަދު ބިން ސަލްމާން ގެންގުޅުއްވާ ވިސްނުންފުޅާ ގޮތުން "ސައޫދީ ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް" ގެނަމުގައި ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަމުން ބިން ސަލްމާން ވިދާޅުވީ ދީނީގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކާ އޭނާ ކުރިމަތިލައްވައި އެމީހުން ބަލުކުރައްވާނެ ކަމަށާ އެމީހުންނަށް ދެން ސައޫދީ މުޖްތަމައުން ޖާގަ ނުދޭނެ ކަމުގަ އެވެ. އެފަދަ ފަރާތްތަކާ ކުރިމަތިލުމަކީ މާބޮޑު ގޮންޖެހުމެއް ނޫން ކަމަށް ވެސް ބިން ސަލްމާން ވިދާޅުވި އެވެ. އަދި ސައޫދީ އަށް ގެންނަން މަސައްކަތްކުރާ ޒަމާނީ ތަރައްގީގެ މަޝްރޫޢުތަކާއި ވަސީލަތްތަކަށް ހުރަސްއެޅުމުގެ ފުރުސަތު ހަރުކަށި ފަރާތްތަކަށް ނުދެއްވާނެ ކަމަށް ވެސް ބިންސަލްމާން ވިދާޅުވި އެވެ.
ކުރިން މުސްލިމުން ޕްރެކްޓިކް ކުރަމުން ގެންދިޔަ އިސްލާމް ދީނުގައި އޮތް މެދުމިނުގެ އުސޫލުތަކަށް ސައޫދީ މުޖްތަމައު ވެސް އަލުން އެނބުރި ރުޖޫޢަވާން ޖެހޭ ކަމަށާއި އެކަން އެގޮތަށް ކުރައްވާނެ ކަމަށް ވެސް ބިން ސަލްމާން ވިދާޅުވި އެވެ. ނަމަވެސް މިކަންކަމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ސައޫދީ ސަރުކާރުން ދާދިފަހުން ވަނީ އެ ގައުމުގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި ބައެއް އިމާމުންނާއި ދާއިޔާއިން ހައްޔަރުކޮށްފަ އެވެ. އެމީހުން ހައްޔަރުކުރި ސަބަބެއް ސައޫދީ ދާޚިލީ ވުޒާރާ އިން ވެސް ސަލާމަތީ ބާރުތަކުން ވެސް ހާމަކޮށްފައެއް ނުވެ އެވެ. އޭގެތެރެއިން ބައެއް ދީނީ އިލްމުވެރިންގެ އާއިލާތަކުގެ މެންބަރުންނަށް ވަނީ ގައުމުން ބޭރަށް ފުރުން ވެސް މަނާކޮށްފަ އެވެ.
ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ސައޫދީގައި އިއްޔެވަނީ "ނިއޮމް"ގެ ނަމުގައި 500 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްރޮގްރާމެއް އިފްތިތާޙްކޮށްފަ އެވެ. މި ޕްރޮގްރާމުގެ ދަށުން ސައޫދީ އަރަބިޔާގެ އުތުރުގައި އުރުދުންއާއި މިސްރުގެ ސަރަހައްދީ ރޮނގާ ކައިރި ހިސާބެއްގައި (ރަތްކަނޑުގެ އައްސޭރި އަށް ވާގޮތަށް) ވަރަށް ބޮޑު ސިޓީއެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ ވަރަށް އެންބިޝަސް ޕްރޮގްރާމެއް ކަމަށާ މިއީ ސްމާޓް ސިޓީއެއް ކަމަށާ އެ ސިޓީގައި ޓޫރިޒަމާއި ޒަމަނީ އެންޓަޓައިންމެންޓާއި ރިއަލް އެސްޓޭޓް އާއި ޒަމާނީ ޝޮޕިންމޯލްތަކާއި އައިޓީއާއި މަލްޓިމީޑީއާ ސްޕާ ކޮރިޑޯތައް ފަދަ ސްމާޓް ސިޓީއެއްގައި ހުންނަން ޖެހޭ ޒަމާނީ ތަރައްގީގެ ހުރިހާ އިމާރާތްތަކާއި ވަސީލަތްތައް ހުންނާނެ ކަމަށް ބިން ސަލްމާން ވިދާޅުވި އެވެ.
ޒަމާނީ ތަރައްގީ އަށް ސައޫދީ ރައްޔިތުން އަހުލުވެރި ކުރުވުމުގެ ގޮތުން ރައްޔިތުންގެ ސިކުނޑިތައް ހުޅުވާލައި އެކަމަށް ހޭލުން ތެރި ކުރުމަށްޓަކައި ޕްރޮގްރާމްތަކެއް ވެސް ސައޫދީ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާނެކަމަށް ބިންސަލްމާން ވިދާޅުވި އެވެ. މިގޮތުން ދީނީ ހަރުކަށި ފިކުރުގައި އިތުރު ތިރީސް އަހަރަށް ސައޫދީ ރައްޔިތުންގެ ދިރިއުޅުން ނަގާނުލެވޭނެ ކަމަށާއި ހުރިހާ ދީންތަކަކާއި ސަގާފަތްތަކަކަށް ހުޅުވާލެވިފައިވާ އިސްލާމީ އޯޕަން މައިންޑެޑް ފިކުރަކަށް ސައޫދީ މުޖްތަމައު އެނބުރި ރުޖޫޢަވާނެ ކަމަށް ވެސް ބިންސަލްމާން ވިދާޅުވި އެވެ. ބިން ސަލްމާން މިމޭރުމުން ވާހަކަ ދެއްކެވުމުން އެފޯރަމަށް ޙާޒިރުވެ ތިބި ސައޫދީ ރައްޔިތުންގެ ފަރާތުން އޭނާއަށް ވަނީ ހޫނު މަރްހަބާއެއް ކިޔައިފަ އެވެ.
ސައޫދީ މުޖްތަމައު ޒަމާނީ ކުރުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް ވެސް ބިންސަލްމާން ވިދާޅުވި އެވެ. މިއީ ދާދިފަހުން ސައޫދީގައި މިޔުޒިކީ ހަފްލާއެއް ބާއްވައި އެހަފްލާއަށް ދެޖިންސްގެ ޒުވާނުންނަށް އެކުގައި ވަދެވޭ ގޮތަށް ފުރްސަތު ދިނުމާއި އަންހެނުންނަށް ކާރުދުއްވުމުގެ ހުއްދަ ދިނުމާއި މަހްރަމަކާނުލައި އަންހެނުންނަށް ތަންތަނަށް ދިޔުމުގެ ފުރުސަތު ދިނުން ފަދަ ކަންކަމަށް ބިންސަލްމާން ކުރެއްވި އިޝާރާތެއް ކަމަށް ވަނީ ބެލެވިފަ އެވެ.
މިކަންކަމަކީ ސައޫދީ ދީނީ އިލްމުވެރިން ހަރާމްކަމަށް ފަތުވާ ނެރުއްވާފައިވާ ކަންކަމެވެ. އަންހެނުން ކާރު ދުއްވުމަކީ ވެސް ފިތްނަ އުފެދިދާނެތީ ހަރާމް ކަމެއްކަމަށް ބުނެ ސައޫދީ ބޮޑެތި އިލްމުވެރިން ފަތްވާ ނެރުއްވާފައިވާ ކަމެކެވެ. ނަމަވެސް މިމަހުގެ ކުރީކޮޅު ސައޫދީ ވަޒީރުންގެ މަޖިލީހުން ވަނީ އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދީފަ އެވެ. ކުރިން މިކަން ކުރާ އަންހެނުން ސައޫދީގައި ހައްޔަރުވެސް ކުރެ އެވެ. ނަމަވެސް މިހާރު ހާލަތު ބަދަލުވެއްޖެ އެވެ.
ސައޫދީ މުޖްތަމައު ހުޅުވާލުމަށް ބިންސަލްމާން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ސަބަބުން ހަރުކަށި ފިކުރުގެ ދީނީ އިލްމުވެރިން ހިތްހަމަނުޖެހިފައިވާ އިރު އަނެއް ބަޔަކު އެކަމާދެކޮޅަށް އެބޭފުޅުންގެ ރައުޔު ފާޅުކޮށްފައެއް ނުވެ އެވެ.
ސައޫދީ މުޖްތަމައަކީ އާދަޔާ ޚިލާފަށް ކޮންޒަވެޓިވް މުޖްތަމައަކަށް ވިޔަސް މިމައްސަލާގައި ސައޫދީ ހަރުކަށި ވިސްނުމުގެ މީހުންނާއި އެފިކުރުގެ ދީނީ އިލްމުވެރިންގެ ފަރާތުން ސަރުކާރަށް މާބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމަކަށް ބިން ސަލްމާން ދެކެވަޑައިނުގަންނަވަ އެވެ. ބިންސަލްމާން ވިދާޅުވެފައި ވަނީ އޭނާގެ ގައުމަށް ބޭނުންވަނީ ތަރައްގީ ކަމަށާއި ސައޫދީ ރައްޔިތުންގެ ތެރޭގައި ގިނައީ ޒަމާނީ ތައުލީމުގެ ޒުވާނުންކަމުން ޒުވާނުން އެދޭގޮތަށް ގައުމުގެ ކަންކަން ބައްޓަން ކުރެއްވުމުގައި ކުރިޔަށް ވަޑައިގަންނަވާނެ ކަމުގަ އެވެ. (ނޫސްއެޖެންސީތައް)