25 Oct 2017, 08:57
މާލޭގައި ކުނި އުކައިދިނުމުގެ ހިދުމަތް ދެމުން އަންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ހިދުމަތް ހޯދާ ފަރާތްތަކަށް ބިލު ފޮނުވާނީ އެސްއެމްއެސް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ވެމްކޯ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ ނިޔަލަށް އެކުންފުނީގައި ރަޖިސްޓްރީ ކޮށްފައިތިބި ފަރާތްތަކަށް ދެ އެސްއެމްއެސް އެއް ފޮނުވާނެ ކަމަށެވެ. ފުރަތަމަ އެސްއެމްއެސް އަކީ ވެމްކޯގެ ހިދުމަތުގެ ބިލު ކަމަށާ ދެން ފޮނުވާ އެސްއެމްއެސްއަކީ އެ ބިލާ ގުޅޭ ގޮތުން ޝަކުވާއެއް ވާނަމަ އެ ޝަކުވާ ހުށަހަޅާނެ ގޮތް އަންގައިދޭ އެސްއެމްއެސް އެއް ކަމަށެވެ.
މިއަދުން ފެށިގެން ކަސްޓަމަރުންނަށް އެސްއެމްއެސް ފޮނުވާނެ ކަމަށާ އެސްއެމްއެސް ލިބޭތާ ހަތްދުވަހުގެ ތެރޭގައި ޝަކުވާ ހުށަހަޅަންވާނެ ކަމަށް ވެމްކޯ އިން ބުންޏެވެ. އަދި ހުށަހެޅޭ ޝަކުވާތަކަށް 14 ދުވަހުގެ ތެރޭގައި ޖަވާބުދޭނެ ކަމަށްވެސް ވެމްކޯ އިން ބުނެއެވެ.
ވެމްކޯގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހިދުމަތުގެ ބިލު ލިބުމުން އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ ސައިޓުން ބިލަށް ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ސައިޓު ހުޅުވިފައި ހުންނާނީ އާދީއްތަ ދުވަހުންފެށިގެން ބުރާސްފަތީގެ ނިޔަލަށް ހެނދުނު 9:00 އިން 15:00 އަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 14:00 އަށް ކަމަށް ވެމްކޯ އިން ބުނެއެވެ.
ވެމްކޯ އިން އަންނަނީ މާލެ ސަރަހައްދުގައި ހިމެނޭ މާލެ އަދި ހުޅުމާލޭގައި ކުނި އުކައިލުމުގެ ހިދުމަތް ދެމުންނެވެ. އަދި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވިލިމާލޭގައިވެސް ކުނިއުކައިލުމުގެ ހިދުމަތް ފެށުމަށް އެކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.