25 Oct 2017, 08:44
މިއަހަރު ވެގެންދިޔައީ ފުޓްބޯޅަ ކްލަބުތަކަށް އުފާވެރި އަހަރަކަށެވެ. ހާއްސަކޮށް ކްލަބުތައް ހިންގަން ތިބި ފަރާތްތަކުގެ ޖީބަށް ބޮޑު ލުޔެއް ލިބިގެންދިޔަ އަހަރަކަށެވެ. މިއަހަރު ފެށިގެންދިޔަ އިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދިން ހަބަރަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ކްލަބުތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ހަބަރެވެ.
ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކުންފުނިތައް މެދުވެރިކޮށް ފައިސާގެ އެހީތެރިކަމެއްގެ ގޮތުގައި ދޭން ނިންމީ ކުޑަ އަދަދެއް ނޫނެވެ. އޭގެ އިތުރުން ދިވެހި ޕްރިމިއާ ލީގަށް އަންނަ މިނިވަން ޗެމްޕިއަންޝިޕް ޓީމުތަކަށް ވެސް ބޮޑު އަދަދެއްގެ ފައިސާގެ އެހީތެރިކަމެއް ފޯރު ކޮށްދިނުމަށް އެފްއޭއެމުން ނިންމިއެވެ. ކުންފުނިތައް މެދުވެރިކޮށް ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ދެ މިލިއަން ރުފިޔާ ހަމަޖައްސައި ދިން އިރު، އަތޮޅުތަކުން ޕްރިމިއާ ލީގުގައި ވާދަކުރާ ހަތަރު ޓީމަށް 1.5 މިލިއަން ރުފިޔާ ހަމަޖައްސައި ދިނެވެ.

މާލޭ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ
ކުރިން ކްލަބުތައް ހިންގަން ގިނަ އުނދަގޫތަކެއް ކުރިމަތިވި!
ރާއްޖޭގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިން އެންމެ ބޮޑަށް ނަގާ މައްސަލަ އަކީ މުސާރަ ލަސްވުން ނުވަތަ މުސާރަ ނުދޭ މައްސަލައެވެ. ކްލަބުތައް ހިންގުމަށް އެންމެ އުނދަގޫ ވެގެންދާ މައްސަލަ އަކީ ފައިސާ ހޯދޭނެ ގޮތެއް ނެތުމެވެ. އެހެންވެގެން ކުޅުންތެރިންގެ މުސާރަ ލަސްވެ، ނުވަތަ ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުދެވުމުގެ މައްސަލައާ ކުރިމަތިލާން ޖެހެއެވެ.
ފުރަތަމަ ޑިވިޝަން ކްލަބެއްގެ ބޯޑު މެންބަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި، ކްލަބުތައް ހިންގުމުގައި އެންމެ ބޮޑު އުނދަގުލެއް ކުރިމަތި ވެގެންދަނީ ސީޒަން ފަށާ އިރު ވެސް ކްލަބުތަކަށް ސްޕޮންސަރެއް ހަމަ ނުޖެހުމުންނެވެ. އެހެންވެގެން ކްލަބުތަކުގެ ބަޖެޓުގައި ފައިސާއެއް ނުހުރެއެވެ.
"އަޅުގަނޑުމެން އޭރު ސްޕޮންސަރުން ހޯދަން ވަރަށް މަސައްކަތް ކުރަން. ބައެއް ތަންތަނުން ސްޕޮންސަރު ދޭނެ ކަމުގެ ޔަގީންކަން ދެނީ އަނގަ ބަހުން. އެ ޔަގީން ކަން ދިނުމުން އަޅުގަނޑުމެން އެ ބަޔަކަށް ބަރޯސާވަން. އަދި ބައެއް ފަހަރު، ސީޒަން ފެށޭ އިރު ވެސް ހަމަޖެހޭ ސްޕޮންސަރުން ފައިސާއެއް ނުދޭ. އެހެންވެގެން މުސާރަ ދިނުމުގައި ދަތިތަކެއް ކުރިމަތިވޭ. އަޅުގަނޑު ގަބޫލުކުރަނީ ކުންފުނިތައް މެދުވެރިކޮށް މިހާރު ކްލަބުތަކަށް ފައިސާ ދޭތީ އެ މައްސަލަތައް ޖެހިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

މާލޭ ލީގުގައި ކްލަބު ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗެއްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މިހާރު ކްލަބުތަކުގެ ފަރާތުން ބޮޑު ވާދަވެރިކަމެއް ފެނޭ!
މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ދެ ކްލަބަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. އެ ދެ ކްލަބު ވަރުގަދަ ވެގެން ދިޔައީ، ގައުމީ ޓީމުގެ އެންމެ ގިނަ ކުޅުންތެރިން ހިމެނޭ ދެ ކްލަބަށް ވުމުންނެވެ.
ނިއު އާއި މާޒިޔާގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނުނު ނަމަވެސް، މި ސީޒަން ވެގެން ދިޔައީ ވަރަށް ވާދަވެރި ސީޒަނެއްގެ ގޮތުގައެވެ. ކްލަބު ގްރީން ސްޓްރީޓްސް އިން ނިއު ފަހަތަށް ޖައްސާލައި މާލޭ ލީގުގެ ދެ ވަނަ ހޯދި އިރު، ޓީސީ ސްޕޯޓްސް ކްލަބުން ވެސް ރަނގަޅު ނަތީޖާ ތަކެއް ނެރުނެވެ. ޕްރިމިއާ ލީގުގައި ވެސް އެ ހަތަރު ކްލަބުގެ ވާދަވެރިކަން ވަރަށް ބޮޑަށް ފެންނަމުންދެއެވެ.
އަތޮޅުތަކުން ޕްރިމިއާ ލީގަށް އައި ހަތަރު ޓީމު ވެސް ވަކި ދެރެއެއް ނޫނެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ދ. ކުޑަހުވަދޫން ޕްރިމިއާ ލީގަށް އާ ކުޅުންތެރިން ނުހޯދުމުގެ ސަބަބުން އެންމެ އެދެވޭ ކުޅުން ދެއްކިފައި ނުވި ނަމަވެސް، އއ. މާޅޮހާއި ށ. މިލަންދޫ އަދި ގދ. ތިނަދޫން ދަނީ ރަނގަޅު ނަތީޖާ ތަކެއް ހޯދަމުންނެވެ. އެފްއޭއެމުން މިއަހަރު ގެނައި ބަދަލުތަކާއި ކްލަބުތަކަށް ފައިސާގެ އެހީތެރިކަން ފޯރު ކޮށްދިނުމުން ވާދަވެރިކަން އިތުރު ވެގެންދިޔަ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ގަބޫލުކުރައްވައެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗެއްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"އަޅުގަނޑުމެން މިގެނައި ބަދަލުތަކުން ހަމަ ގައިމު ވެސް ވާދަވެރިކަން އިތުރު ވެއްޖެ. އަޅުގަނޑުމެންގެ މި ކޮންޓްރެކްޓް ތަކުގައި ހުންނާނެ ބައެއް ކަހަލަ މަސައްކަތްތައް ކުރުން. މިހާރު އެފްއޭއެމް ތެރެއިން ވާނީ ކުޑަ ކޮމިޓީއެއް އެކުލަވާލެވިފަ، މި ކޮންޓްރެޓްގައި ހުރި ކަންތައްތައް ފުރިހަމަ ކުރަނީ ކިހާ ވަރަކަށްތޯ ބަލަން،" 'ސަން ސްޕޯޓްސް'އާ ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވި އެވެ.
"ކްލަބުތަކުން ކުރަން ޖެހޭ ގިނަ ކަންތައްތަކަކީ އަންނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން ކުރަން ޖެހޭ ކަންތައްތައް. އެ ކްލަބެއް ނިސްބަތްވާ ސަރަހައްދެއްގައި އޮފީސް ހުޅުވުމާއި ސީއެސްއާރްގެ ބައެއް ކަހަލަ ކަންތައްތައް ކުރުމާއި ޓީމު ޕްރޮމޯޓް ކުރުމުގެ ބައެއް ކަހަލަ ކަންތައްތައް ކުރުމާއި ކްލަބަށް މެންބަރުން އިތުރު ކުރުމާއި މެންބަރުންނަށް ކޮންމެވެސް ކަހަލަ ފަންޑް ރައިސިން އިވެންޓްތަކެއް ރޭވުން ކަހަލަ ކަންތައްތައް ކުރުން."
ކްލަބުތަކުން މުސާރަ ނުދީގެން ހުށަހަޅާ މައްސަލަތައް މަދު!
ކުންފުނިތަކުން ފައިސާގެ އެހީތެރިކަން ފޯރު ކޮށްދިނުމުން ފައިސާގެ އެއްވެސް މައްސަލައެއް ނާންނާނެ ކަމަށް ކުރިން ގަބޫލު ކުރެވުނެވެ. ނަމަވެސް ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކްލަބުން ކުޅުންތެރިންނަށް މުސާރަ ނުދެވިގެން، އެ މައްސަލަތައް ފެންމަތި ވެގެންދިޔައެވެ. އެ މައްސަލަ އެފްއޭއެމްއަށް ހުށަހެޅުމުން އެ ކްލަބުގެ ފައިސާ ހަރަދުތަކުގެ ރިޕޯޓް ފޮނުވުމަށް އެ އިދާރާ އިން އެންގިއެވެ. އަދި މިހާރު އެ ކްލަބުން އޮޑިޓް ރިޕޯޓް ފޮނުވާފައިވާ ކަމަށް ވެސް އެފްއޭއެމްގެ ރައީސް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވި ގޮތުގައި، މިހާރު ގިނަ ކްލަބުތަކަކީ މާލީ ގޮތުން ފުދުންތެރި ބަޔަކަށް ވުމުން އެފްއޭއެމްއަށް ހުށަހަޅާ މުސާރައިގެ މައްސަލަތައް ވަރަށް މަދެވެ. ބައެއް ކްލަބުތަކުގައި އެ މައްސަލަ އުޅުނު ނަމަވެސް، ގިނަ ކްލަބުތަކުން މުސާރައިގެ މައްސަލަ ހައްލު ވެފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ވިދާޅުވި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދ. ކުޑަހުވަދޫ އާއި ށ. މިލަންދޫ ބައްދަލުކުރި މެޗެއްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"މަހުން މަހުން ނުދެވި އޮތް މުސާރައެއްގެ ވާހަކައެއް ވެސް މިހާރު ވަރަށް ނާދޭ. އެހެންވީމާ އަޅުގަނޑަށް ހީވަނީ މި ގެނައި ބަދަލުގެ ޕޮޒިޓިވް ސައިން ތަކެއް ކަންނޭނގެ މިއަންނަނީ. އެކަންތައް ކުރިއަށްދާ ވަރަކަށް އަޅުގަނޑަށް ހީވަނީ މިހާރު ކްލަބުތަކަށް ވެސް މީގެ އެންމެ ރަނގަޅު ގޮތުގައި މަސައްކަތްތައް ބައްޓަން ކުރެވިގެންދާނެ. އަޅުގަނޑު ދަންނަވާނީ މީގެ އެންމެ ބޮޑު ބަދަލެއް ފެންނާނީ އަންނަ އަހަރުގެ ސީޒަންގައޭ.
"އެއީ މިހާރު ކްލަބުތަކަށް ޔަގީން ވާނެ ފަސްޓް ޑިވިޝަންގެ ޓީމެއް ވެއްޖެއްޔާ ދެ މިލިއަން ރުފިޔާ ލިބޭނެ ކަން. އެހެންވެއްޖެއްޔާ ދުރާލާ ޓީމު ތައްޔާރު ކުރަން ވެސް މިހާރު އެއްވެސް ހާސްކަމެއް ނެތި ކްލަބުތަކަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށައިގަނެވޭނެ."
ކްލަބުތަކުން ފައިސާ ހަރުދުކުރާ ގޮތް މޮނިޓާ ކުރޭ!
އެފްއޭއެމް މެދުވެރިކޮށް ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ކްލަބަކުން ފައިސާ ހަރަދުކުރާ ގޮތުގެ ތަފްސީލް އެފްއޭއެމް އަށް ފޮނުވަން ޖެހެއެވެ. އެކަމުގެ ރިޕޯޓް އޮޑިޓް ކޮށްފައި އެފްއޭއެމް އަށް ފޮނުވުމުން އެ އިދާރާ އިން އެކަން ދިޔައީ ރަނގަޅަށް ދިޔަތޯ ބެލުމަށް ފަހު، ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ.
ކްލަބުތަކުން އެ ފައިސާ ހަރަދު ކުރާ ގޮތް މޮނީޓާ ކުރަނީ ހަމައެކަނި އެފްއޭއެމް އަކުން ނޫނެވެ. އެ ކްލަބަކަށް ފައިސާ ދޫކުރާ ކުންފުނިން ވެސް އެކަމުގައި ބައިވެރިވެއެވެ. އެފްއޭއެމްގެ ރައީސް ވިދާޅުވި ގޮތުގައި، ފައިސާ ހަރަދު ކުރުމުގައި ގޯސްތަކެއް އުޅޭނަމަ އަންނަ އަހަރު ފައިސާ ދޫކުރާ އިރު ކުންފުނިތަކުން ފައިސާ ދޫކުރާނީ ޖޫރިމަނާ ފައިސާ ކެނޑުމަށް ފަހުއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ދ. ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އަންނަ އަހަރު ވެސް އެފްއޭއެމް އިން ކުންފުނިތައް މެދުވެރިކޮށް ކްލަބުތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަންނަ އަހަރު ކްލަބުތަކަށް ދޭނެ ފައިސާގެ އަދަދުތަކެއް އަދި ޔަގީން ވެފައި ނުވި ނަމަވެސް، މިއަހަރަށް ވުރެ ފައިސާގެ އަދަދުތައް ކުޑަ ނުވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވިއެވެ.
މެދުކެނޑުމެއް ނެތި މިގޮތަށް ކޮންމެ އަހަރަކު ވެސް ކްލަބުތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ނަމަ، އެއީ ފުޓްބޯޅައަށް ލިބޭނެ ފައިދާ އަކަށް ވެގެންދާނެ އެވެ. ރަނގަޅު ގޮތުގައި އެ ފައިސާތައް ހަރަދުކޮށް ކްލަބުތަކުން ވެސް ކުރިއެރުން ހޯދުމަށް މަސައްކަތް ކުރާނެއެވެ. ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާއި ކުޅުންތެރިންގެ ހުނަރުތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރާނެއެވެ. އެފްއޭއެމްގެ ރޭވުންތެރިކަމާ އެއްގޮތަށް ގޮސްފިނަމަ، މިއަހަރަށް ވުރެ އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ވާދަވެރިކަން ބޮޑު ވެގެންދިއުން ވެސް ގާތެވެ.