25 Oct 2017, 08:28
އަންނަ ޑިސެމްބަރު މަހު އިންޑިއާގެ ކްރިކެޓް ޓީމް ކެޕްޓަން ވިރާތު ކޯލީ އާއި ބޮލީވުޑް ބަތަލާ އަނުޝްކާ ޝަރްމާ ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ވިރާތު އާއި އަނުޝްކާ އަކީ ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ ޖޯޑެކެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަނުކުރި ނަމަވެސް، ދެމީހުން ހަފްލާތަކާއި ޕާޓީތަކުގައި ބައިވެރިވަނީ އެއްކޮށެވެ. އަދި ދެމީހުން އެކުގައި ޗުއްޓީ ހޭދަކޮށް ހަދައެވެ. ގުޅުން ފޮރުވާކަށް ނޫޅެ އެވެ.
އެހެންކަމުން ދެމީހުންގެ ގުޅުން އެންމެނަށް ވެސް އެނގެ އެވެ. އަދި އަނުޝްކާ އާއި ވިރާތުގެ ކައިވެންޏަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. އަދި ދެމީހުން އެކުގައި ވަރަށް ފަހުން ކުޅުނު އިޝްތިހާރެއްގެ ސަބަބުން ދެމީހުންގެ ކައިވެނި ވަރަށް އަވަހަށް ކުރަން އުޅޭ ކަމަށް ވަނީ ބެލެވިފައެވެ.
އަދި ގިނަ ނޫސްތަކަކުން ވަނީ ޑިސެމްބަރުގައި ދެމީހުން ކައިވެނި ކުރާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް ބުނެ ޚަބަރު ފަތުރައިފައެވެ. ނަމަވެސް އަދި ވަކި ތާރީޚެއް ކަނޑައަޅައިފައި ނުވާކަމަށް ޚަބަރުތައް ބުނެ އެވެ.
ޑިސެމްބަރު މަހު ކައިވެނި އޮންނާނެ ކަމަށް ބުނަމުން ދަނީ "ޕާސަނަލް" ސަބަބަކާ ހެދި ޑިސެމްބަރު މަހު އޮންނަ ޓެސްޓް މެޗުތަކުގައި ބައިވެރި ނުވެވޭނެ ކަމަށާއި، ހަމަ ޑިސެމްބަރު މަހު ސްރީލަންކާ އާއެކު ކުޅުމަށް ހަމަޖެހިފައިވާ ސީރީޒްގައި ޓީމާ އެކު ބައިވެރި ނުވެވޭނެ ކަމަށް ވިރާތު އަންގާފައި ވާތީ އެވެ.
ވިރާތު އާއި އަނުޝްކާގެ ގުޅުމަށް މިހާރު އަހަރުތަކެއް ވެފައިވާ ކަމަށް ބެލެވޭ އިރު، 2013 ވަނަ އަހަރު އަނުޝްކާ ވަނީ ވިރާތު އާއެކު އިންގްލޭންޑް ޓުއާގައި ވެސް ބައިވެރިވެފައެވެ. އަދި މި އަހަރުގެ ކުރީކޮޅު ވެސް ދެމީހުން އެކުގައި ނިއު ޔޯކުގައި ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.