25 Oct 2017, 08:25
ސުޕަސްޓާ ޝާހްރުކް ޚާން އާއި ބައްދަލުކޮށްލުމުގެ ހުވަފެން ދެކެމުން އައި ފޭން، މަރުވެއްޖެ އެވެ.
އުމުރުން 60 އަހަރުގައި އަރޫނާ މަރުވީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް އިއްޔެ އެވެ. އޭނާގެ ފިރިހެން ދަރިފުޅު އަކްޝަތު ވަނީ އެކަން ކަށަވަރުކޮށްދީ ޓުވީޓެއް ކޮށްފައެވެ.
އަރޫނާ ދެކެމުން އައި ހުވަފެނަކީ އަދި އެންމެ ފަހުގެ އެދުމަކީ ޝާހު އާއި ބައްދަލުކޮށްލުމެވެ. ނޫނީ އޭނާއަށް ޝާހު މެސެޖެއް ދިނުމެވެ. ޝާހު ވަނީ އަރޫނާގެ އެ ހުވަފެން ހަގީގަތަކަށް ހަދައިދީފައެވެ.
އަރޫނާގެ ވާހަކަ މީޑިއާގެ ސަމާލުކަމަށް އައީ އޭނާގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް ޝާހު ޓުވީޓު ކުރި ވީޑިއޯ އާއި ގުޅިގެންނެވެ. ވީޑިއޯ ގައި ޝާހު ބުނެފައި ވަނީ އަރޫނާ ބަލިން ފަސޭހަވެ ދެމީހުން ވަރަށް އަވަހަށް ބައްދަލުވާނެ ކަމަށެވެ.
އަރޫނާ މަރުވެފައި ވަނީ ޝާހުގެ ވީޑިއޯ އާންމު ކުރިތާ ތިން ދުވަސް ފަހުންނެވެ. އަރޫނާގެ މަރުގެ ޚަބަރާ އެކު ޝާހު ވަނީ އިތުރު ޓުވީޓެއް ކޮށްފައެވެ. ޝާހު ޓުވީޓު ކޮށްފައި ވަނީ އަރޫނާގެ ފިރިހެން ދަރިފުޅަށެވެ.
"ﷲ ތިޔަ އާއިލާއަށް ކެތްތެރިކަން ދެއްވާށި. މަޔަކު ނުވަތަ ބަފަޔަކު ވަކިވުމަކީ ކިހާ ވަރެއްގެ ހިތާމައެއްކަން އަހަންނަށް އެނގޭ. މަންމަ އަބަދު ވެސް ތިކުދިންނާ އެކު ވާނެ،" ޝާހު ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.
ޝާހުގެ ޓުވީޓަށް ޖަވާބު ދެމުން އަރޫނާގެ ދަރިފުޅު ވަނީ ބައްޕަގެ އެންމެ ފަހުގެ އެދުން ފުރިހަމަ ކޮށްދިނީތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.