ބޮލީވުޑް އެކްޓްރެސް އާސިންއަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

އަންހެން ކުއްޖަކު ލިބުނުކަން ޔަގީންކޮށްދީފައި ވަނީ އާސިން އާއި އޭނާގެ ފިރިމީހާ ރާހުލް ޝަރްމާ އެވެ. ދެމީހުންގެ ފުރަތަމަ ދަރިފުޅު ވިހައިފައި ވަނީ އިއްޔެ އެވެ.

ދެމަފިރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔައިފައި ވަނީ ބަޔާންކޮށްދޭން ނޭނގޭ ފަދަ އުފަލާއި އެކުގައި ކަމަށާއި، ފާއިތުވި ނުވަ މަސް ދުވަހަކީ ދެމީހުންނަށް ވެސް ވަރަށް ޚާއްސަ، އުފާވެރި ދުވަސްތަކެއް ކަމަށެވެ.

އަދި އާއިލާ އާއި އެކުވެރިންނާއި ސަޕޯޓަރުންގެ ފަރާތުން ލިބެމުންދާ ލޯތްބާއި އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ފިލްމު 'ގަޖްނީ' އިން ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ އާސިން އާއި މައިކްރޯމެކްސްގެ ފައުންޑާ ރާހުލް ކައިވެނި ކޮށްފައި ވަނީ މިިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

މި އަހަރު އީޝާ ޑިއޯލް އާއި ސޯހާ އަލީ ޚާން، ލީސާ ހޭޑަން އަދި ސެލީނާ ޖެއިތުލީން ފަދަ ފަންނާނުންނަށް ވަނީ ކުދިން ލިބިފައެވެ.