އެކުވެރި ދައުލަތް (އދ)ގެ ސެކިއުރިޓީ ކައުންސިލްގެ ވަގުތީ މެމްބަރަކަށް ރާއްޖެ ހެދުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ކާމިޔާބު ކުރުމަށް ބޭރުގެ ދައުލަތަކުން ވާގިވެރިވެވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އދ. ސެކިއުރިޓީ ކައުންސިލަކީ ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކާއި ދުނިޔޭގެ ސުލްހައަށް މަސައްކަތްކޮށް، މުއާހަދާތަކުގެ ބޭރުން އަމަލު ކުރާ ގައުމުތަކާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރުމުގެ ހުއްދަ ދޭ ކައުންސިލެވެ.

އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެމްބަރުންނަކީ ޗަައިނާ އާއި ރަޝިޔާ އާއި ފްރާންސާއި އިނގިރޭސިވިލާތް އަދި އެމެރިކާއެވެ. އެ ކައުންސިލްގައި ހިމެނޭ ވަގުތީ މެމްބަރުކަމުގެ ގޮނޑިއެއް ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ހާމަ ކުރެއްވީ ރ. މީދޫގައި މިރޭ ބޭއްވި ޖަލްސާގ އެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދިވެހިންގެ ވެރިކަން ބަދަލުކުރުމަށްޓަކާ ބޭރުގެ ފަރާތްތަކުގެ މަދަދަށް އެދޭ ދިވެހިން އެބަ ތިބި ކަމަށާއި އެފަދަ މީހުނަށް ރައްދު ދެއްވާނީ އޭޝިއާ ބައްރުން އދ.ގެ ސެކިއުރިޓީ ކައުންސިލް މެންބަރަކަން 2019 ވަނަ އަހަރު ކާމިޔާބު ކުރެއްވުމަށްފަހު ކަމަށެވެ. އަދި އެ ރައްދު އެ ފަރާތްތަކަށް ދެއްވާނީ ހައިބަތެެއް ލިބިފައިވާ ގައުމެއްގެ ހައިސިއްޔަތުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ދިވެހި ދައުލަތުގެ ވެރިކަން ބަދަލުކުރަން ބޭރުގެ ފަރާތްތަކުގެ މަދަދަށް އެދެނީ ހަމަ ދިވެހި ދަރިން. އެފަދަ މީހުންނަށް ރައްދު ދޭން ބެނުންވަނީ ދިވެހި ރާއްޖޭގެ ހައިބަތެއްހުރި ހައިސިއްޔަތަކުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސެކިއުރިޓީ ކައުންސިލް މެންބަރެއްގެ ގޮތުގައި ވާދަކޮށް އެކަން ކާމިޔާބު ކުރުމަށްޓަކައި ބޭރުގެ އެތަށް ދައުލަތަކުން ވާގިވެރިވެ ވަޑައިގަންނަވާނެކަން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.