ރައީސް ބައިވެރިވާ މީދޫ ޖަލްސާއަށް މީހުން ގޮވައިގެންދިޔަ ދޯންޏެއް ފަރަށް އަރައިފި
ރައީސް ބައިވެރިވާ މީދޫ ޖަލްސާއަށް މީހުން ގޮވައިގެންދިޔަ ދޯންޏެއް ފަރަށް އަރައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން، އެ އަތޮޅު މީދޫގައި މިރޭ ބާއްވާ ޖަލްސާއަށް މީހުން ގޮވައިގެން ރ. އިންނަމާދޫއިން ފުރައިގެން ދިޔަ ދޯންޏެއް ފަރަށް އަރައިފި އެވެ.

ބާވީސް މީހުންނާއެކު އިންނަމާދޫއިން ފުރައިގެން ދިޔަ އެ ދޯނީ ފަރަށް އަރާފައި ވަނީ ރ. މީދޫ ކައިރީގައި އޮންނަ ފަރަކަށެވެ. ދޯނި ފަރަށް އެރި ނަމަވެސް އޭގައި ތިބި، މީހުން ވަނީ ސަލާމަތްކޮށް، މީދޫއަށް ގެންގޮސްފަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި ފަރަށް އެރިއިރު، ދޯނީގައި 12 އަންހެނުންނާއި ނުވަ ފިރިހެނުންނާއެކު ކުޑަ ކުއްޖަކު ވެސް ހުރި ކަމަށެވެ.

އިންނަމާދޫ ކައުންސިލްގެ ރައީސް މޫސާ ނިޔާޒު "ސަން"އަށް މިރޭ ވިދާޅުވީ ދޯނި ފަރަށް އެރީ، މީދޫގައި ސަރުކާރުން ބާއްވާ ޖަލްސާއަށް ބަޔަކު ގޮވައިގެން ދަނިކޮށް ކަމަށެވެ.

އިންނަމާދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން އަރީފު ވިދާޅުވީ އެ ދޯނި އެއްކޮށް ފަރަށް އަރާފައިވާ ކަމަށާއި ދޯނި ފުން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ.

"ކޯސްޓުގާޑުގެ އެހީގައި ފަރަށް އެރި ދޯނީގައި ތިބި މީހުން ގޮވައިގެން މީދޫއަށް ވަނީ ބާލާފައި،" ދޯނި ފަރަށް އެރި ސަރަހައްދުގައި ހުރި ހުސައިން އަރީފު ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ، އެ ދޯނި ފަރަށް އަރާފައިވާކަމުގެ ހަބަރު އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިރޭ އިރާކޮޅު 7:45 ހާއިރު ކަމަށެވެ.