24 Oct 2017, 20:52
ގާރީ ހުސައިން ތައުފީގުގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުނު ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ.
ގާރީ ތައުފީގުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 3:40 އެހައިކަންހާއިރު، އޭނާ ދިރިއުޅުނު މ. ޑްރީމީ ބީޗް، ފުލުހުން ޗެކްކުރިއިރު އެ ގެއިން ފެނުނު ހާޑު ޑިސްކަކާއި މޮބައިލް ފޯނަކުން ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ ކަމަށް ބުނެއެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ ގާރީ ތައުފީގު 43،453 ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ.
އެ ހުކުމް ބާތިލްކޮށް މިއަދު ހައި ކޯޓުން ކުރި ހުކުމްގައި ވަނީ ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ހެކިބަހުން އެނގޭގޮތުގައި އެގެއިން ގިނަ އަދަދެއްގެ ސީޑީތަކެއް ފެނިފައިވާ ކަމަށެވެ. އަދި އޮރިޔާން މަންޒަރު ދައްކުވައި ދޭ ސީޑީ އަކީ ސީދާ ގާރީ ތައުފީގު ދިރިއުޅުނު ކޮޓަރިން ފެނުނު އެއްޗެއްކަން ސާބިތު ނުވާ ކަމަށާއި ސަބަބަކީ ސީޑީތަކާ ގުޅޭ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓު ހުށަހަޅާފައި ނުވާތީ ކަމަށް އެ ހުކުމްގައިވެއެވެ.
އެހެންކަމުން ގާރީ ތައުފީގުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލްކޮށްފަ އެވެ.