24 Oct 2017, 21:46
ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ޒުވާން ތަރި ކީލިއާން އެމްބާޕޭއަކީ ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ތިއަރީ އޮންރީގެ ކޮޕީ އެއްގެ ގޮތުގައި ނުދެކުމަށް އެމްބާޕޭ އެދިއްޖެ އެވެ.
އެމްބާޕޭ ވިދާލާފައި ވަނީ މިދިޔަ ސީޒަނުގައި މޮނާކޯއަށް އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އޭނާ ވަނީ މޮނާކޯއަށް މިދިޔަ ސީޒަނުގެ ފްރާންސް ލީގު ކާމިޔާބު ކޮށްދީ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އެ ކްލަބު ގެންގޮސް ދިނުމުގައި އިސް ދައުރެއް އަދާކޮށްދީފަ އެވެ.
މިދިޔަ ސީޒަނުގައި އެމްބާޕޭ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޔޫރަޕްގެ ވަރުގަދަ ކްލަބުތަކުން އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައިވެ އެވެ. މި ސީޒަނުގައި ލޯނުގެ ދަށުން ޕީއެސްޖީއާ އެމްބާޕޭ ގުޅުނު އިރު، އަހަރަކު 160 މިލިއަން ޕައުންޑް ދޭ ގޮތަށް އެ ކްލަބަށް އަންނަ ސީޒަނުގައި އެމްބާޕޭ ގެންދެވޭނެ އެވެ.
އެމްބާޕޭގެ ކުޅުން އަޅާކިޔާ ފަރާތްތަކުން ބުނަމުން ދަނީ، އޭނާގެ ކުޅުން އެންމެ ވައްތަރީ އާސެނަލްގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރި ލެޖެންޑް އޮންރީއާ އެވެ. އެކަމާ ގުޅޭ ގޮތުން ގޯލްޑަން ބޯއީ 2017 އެވޯޑު ހޯދި އެމްބާޕޭ ބުނީ، އެކަމާ މެދު ވަރަށް އުފާކުރާ ކަމަށާއި އަދިވެސް އޭނާގެ ކުޅުން އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އެއީ އަހަރެންނަށް ލިބޭ އުފަލެއްގެ ގޮތުގައި ބަލަނީ. އެކަމަކު އަހަރެން ބޭނުމެއް ނޫން އަހަރެންނަކީ އޮންރީގެ ކޮޕީ އެއްގެ ގޮތުގައި ސިފަ ކުރާކަށް. އަހަރެންނަށް އެނގޭ އަހަރެންގެ ފަރާތުން ވަރަށް ބޮޑު ކަންތައްތަކެއް މީހުން އުންމީދު ކުރާ ކަން. އެކަމަކު އަހަރެންނަކީ ކޮންމެ މެޗެއްގައި ފާހަގަ ކޮށްލެވޭ ކުޅުންތެރިއެއް ނޫން. އަހަރެން އަދިވެސް ވަރަށް މަސައްކަތް ކުރަން ޖެހޭ. އަހަރެންގެ ޒުވާން އުމުރަކީ ދެއްކޭނެ އުޒުރެއް ނޫން،" އެމްބާޕޭ ބުންޏެވެ.
އެމްބާޕޭ ވަނީ ފްރާންސް ގައުމީ ޓީމާ އެކު މިހާތަނަށް މުހިންމު މެޗުތަކެއް ކުޅެފަ އެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ފްރާންސް ވާދަކުރާ އިރު، އެމްބާޕޭއަކީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ ކަމަށް ބެލެވެ އެވެ.