މި އަހަރުގެ އޭޕްރިލް މަހު ދިރާގުން ތައާރަފު ކުރި ދިރާގު ޓީވީ ދުވަހެއް ދުވަހަކަށް ކުރިއަރަމުން ފުޅާވަމުންގޮސް މިއަދު ދިރާގު ޓީވީއަށް ސޮނީ އެންޓަޓެއިންމަންޓްގެ 12 ޗެނަލް ތައާރަފް ކޮށްފި އެވެ.

ދިރާގުގެ ހެޑް އޮފީސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޗެނަލްތައް ދިރާގު ޓީވީއަށް ތައާރަފު ކޮށްދެއްވީ ސޮނީ ޑިިޖިޓަލް ނެޓްވޯކް-އިންޑިއާގެ ޑިރެކްޓަރު ބިޒްނަސް މެނޭޖާ ސުސިލް ސިންގެވެ.

ޗެނަލްތައް ތައާރަފްކޮށް ދިނުމަށްފަހު ވާހަކަފުޅު ދައްކަވަމުން ސުސިލް ވިދާޅުވީ، ދިރާގަށް އަންނަ ކުރިއެރުމަށް ބަލައި ދިރާގާ އެކުގައި ވާ ޕާޓްނާޝިޕުގެ ސަބަބުން ދެ ކުންފުނީގެ ވެސް ކުރިއެރުމާމެދު ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށެވެ.

އަލަށް ތައާރަފް ކުރި ޗެނަލްތަކާއެކު ދިރާގުން ޕްރޮމޯޝަން ތައާރަފް ކޮއްދެއްވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލަށް ތައާރަފް ކުރި ޗެނަލްތަކާއެކު ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ދިރާގު ޓީވީގެ ހިދުމަތް ހޯއްްދަވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި، 65 އިންޗީގެ 4ކޭ ޓީވީއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީން ފޯރުކޮށްދެމުން އަންނަ 80 އަށްވުރެ ގިނަ ޗެނަލްގައި 70 ޕަސެންޓް ޗެނަލްތަކަކީ އެޗްޑީ ޗެނަލެވެ. ދިރާގު ޓީވީން ފޯރުކޮށްދޭ ޗެނަލްތަކަކީ ފިލްމާއި ޑްރާމާ، މިއުޒިކް، ކުޅިވަރު އަދި ތަފާތު ޑޮކިއުމެންޓްރީތައް ހިމެނޭ ޗެނަލްތަކެވެ.