24 Oct 2017, 18:50
ރައީސް ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި މަޝްހޫރު ގާނޫނީ ވަކީލް އާމާލް ކްލޫނީ ގާނުނީ ވަކީލެއްގެ ގޮތުގައި ދުނިޔޭގެ އެކިތަންތާގައި މަސައްކަތް ކުރެއްވި އިރު އޭނާ އަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް އޭނާގެ ފިރިމީހާ އަދި ހޮލީވުޑްގެ މަޝްހޫރު ތަރި ޖޯޖް ކްލޫނީ ބުނެފި އެވެ.
ޖޯޖް މިމޭރުމުން ވާހަކަ ދެއްކެވި އިރު ދާދި ފަހުން ހޮލީވުޑް ސިއްސުވާލި ހާވޭ ވިއަންސްޓަ އިން އަންހެނުންތަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އޭނާ ވަނީ ހާވޭގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
"ޖިންސާގޯނާ ކުރުން އެބަޖެހޭ އެއްކޮށް ހުއްޓުވަން. މިކަން މިއޮތީ ހަމައެކަނީ ފިލްމީ ދުނިޔޭގައި އެކަންޏެއް ނޫން. ފޮކޮސް ނިއުސް އިން ފެށިގެން ގޮސް ވޮޝިންޓަން ޑީސީގައި ވެސް އެކަން މިއޮތީ ވަކި ހިއްޕާލައިފައި،" ކްލޫނީ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
"އަހަރެންގެ އަންހެނުން ގާނޫނީ ވަކީލަކަށް މަސައްކަތް ކުރިއިރު ވެސް އޭނާ އަށް ވެސް އެކަން ތަހައްމަލު ކުރަން ޖެހުނު. އެހެންވީމާ އެކަން ހުރިހާ ދިމާލެއްގައި ވެސް އެބަ ހިނގާ،" ޖޯޖް އިތުރަށް ބުންޏެވެ. އެހެން ނަމަވެސް އޭނާގެ އަންހެނުންނަށް ޖިންސީ ގޯނާކުރި ވާހަކައިގެ އެއްވެސް ތަފްސީލެއް ޖޯޖް ނުދެ އެެވެ.
ހާވީގެ ވާހަކައަށް އިޝާރަތްކުރަމުން ޖޯޖް ބުނީ ހާވީ ބޭޒާރުވެ ލަދުގައި ބެދުމަކީ އޭނާއަށް ހައްގުވާ ކަމެއް ކަމަށެވެ. އަދި ހާވޭ އަށް އެހީތެރިވި ހޮލީވުޑްގެ އިތުރު މީހުން އެނގެން ބޭނުންވާ ކަމަށް ވެސް ޖޯޖް ބުންނެވެ.
"ޖިންސީ ގޯނާ ލިބުނު އަންހެނުން ހޮޓާތަކަށް ގެންގޮސް ހާވޭގެ ޝިކާރައަކަށް ވުމަށް ދޫކޮށްލި މީހުން އަަހަރެން ބަލަން ބޭނުން." ޖޯޖް ބުންޏެވެ.