ނިޔުޔޯކް (އޮގަސްޓް 2) : ސޫރިޔާ ރަށެއް ކަމަށްވާ ޙަމާ ގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި ރައްޔިތުންނާ ދެކޮޅަށް މިދިޔަ އާދީއްތަ ދުވަހު އެޤައުމުގެ ސަލާމަތީ ބާރުތަކުންދިން ޙަމަލާތައް ކުށްވެރިކުރުމަށްޓަކައި އދ. ގެ ސަލާމަތީ މަޖިލީހުން ރޭ ބޭއްވި ކުއްލި ބައްދަލުވުން ކޮޅެއްގައި ނުޖެހި ނިމިއްޖެ. ހުޅަނގުގެ ޑިޕްލޮމޭޓުންނާ ޙަވާލާދީ ރޮއިޓާސް ބުނިގޮތުގައި މިބައްދަލުވުން ބޭއްވީ ޔޫރަޕްގެ ޤައުމުތަކުގެ އެދުމުގެ މަތިން ކަމަށާ މިކަމަށް ރަސްމީގޮތުން އެދިފަިއވަނީ ޖަރުމަނުގެ ސަރުކާރުން ކަމުގައެވެ.

ޙަމާ ގައި މުޒާހަރާކުރި މީހުންނާ ދެކޮޅަށް ސޫރިޔާ ސަރުކާރުން ބަރުހަތިޔާރު ބޭނުންކުރުމުގެ ސަަބަބުން 136 މީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވެފައިވާ ކަމަށް އެޤައުމުގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ. ސޫރިޔާ ގެ އަމްނާބެހޭ ފަރާތްތަކުންވަނީ ޙަމާއަށް ބޭރުގެ މުރާސިލުން ވަނުން މަނާކޮށްފައެވެ. ޙަމާ ގެ ކަތިލުން ތަކުގެ މައްސަލާގައި ދުނިޔޭގެ ޤައުމުތަކުން ގެންދަނީ ސޫރިޔާ ސަރުކާރު ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ. މިގޮތުން ތުރުކީގެ ރައީސް ޢަބްދުﷲ ގުލް ވެސްވަނީ ސޫރިޔާ ސަރުކާރުން ޙަމާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވަނީ ބިރުވެރި ޢަމަލުތަކެއް ކަމަށާ އެޚަބަރު ލިބުމުން ސިހިވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ.

ސޫރިޔާގެ މައްސަލާގައި އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް އެއްގަލަކަށް ނޭރޭތީ އެޤައުމުގެ ސަރުކާރުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހިންގާ ޢަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރުމަށް ހުޅަނގުގެ ޤައުމުތަކުން ކޮށްފައިވާ މަސައްކަތްތައްވަނީ ނާކާމިޔާބުވެފައެވެ. ލީބިޔާގެ މައްސަލާގައި ނެގިފަދަ ހަރުކަށި ސްޓޭންޑެއް ސޫރިޔާ ސަރުކާރާ ދެކޮޅަށް ނަގަން ޚުދު އެމެރިކާވެސް ބޭނުންނުވާ ކަމަށާއި މިކަމުގެ ފަހަތުގައިވަނީ މިފަދަ ސްޓޭންޑެއް ނެގުމުން އިސްރާއީލަށް ކުރިމަތިވެދާނެ މައްސަލަތައް އެމެރިކާއަށް ސާފުނުވާތީކަމަށް ޢަރަބި ބައެއް ނޫސްތައް ބުނެއެވެ.

ޙަމާ ގައި ސޫރިޔާ ސިފައިން މިދިޔަ އާދީއްތަ ދުވަހު ހިންގި ޢަސްކަރީ އޮޕަރޭޝަންގައި 136 މީހުން މަރާލާފައިވާއިރު ސޫރިޔާ ކުށްވެރިކުރުމަށް ގޮވާލައި ސަލާމަތީ މަޖިލީހުގެ ރޭގެ ޖަލްސާއަށް ޔޫރަޕްގެ ޤައުމުތަކުން ހުށަހެޅި ލިޔުމަށް މެންބަރު ޤައުމުތަކުގެ ޚިޔާލު ތަފާތުވުމުން އެބައްދަލުވުން ނިމުނީ ސޫރިޔާއާ ދެކޮޅަށް ބަޔާނެއް ނުނެރެއެވެ.
ނަމަވެސް ޚިޔާލު ތަފާތުވުން ނައްތާލުމަށްޓަކައި ޔޫރަޕްގެ ޤައުމުތަކުން ހުށަހެޅި ލިޔުމަށް ބަދަލުގެނަސް އަލުން ބައްދަލުވުމެއް ބޭއްވުމާބެހޭގޮތުން ސަލާމަތީ މަޖިލީހުގެ މެންބަރުންގެ މެދުގައި މަޝްވަރާތައް ކުރެވެމުންދާ ކަމަށް ޚަބަރުލިބެއެވެ. (ރޮއިޓާސް)