ރ. އަތޮޅު މީދޫގައި ސަރުކާރުން ގާއިމުކޮށްފައިވާ ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ރަސްމީކޮށް ފަށްޓަވައި ދެއްވައިފިއެވެ.

އެ ރަށުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ފެނާއި ނަރުދަމާ ނިޒާމް ރައީސް ޔާމީން އިފުތިތާހު ކޮށްދެއްވިއިރު، އެމަނިކުފާނު ވަނީ މިއަދު އަސުރު ނަމާދަށްފަހު އެ ރަށުގައި އަލަށް އިމާރާތް ކުރި މިސްކިތް ހުޅުއްވައި ދެއްވާފަ އެވެ.

މީދޫގައި ރަސްމީކޮށް ހިދުމަތް ދޭން ފެށި ފެނުގެ ނިޒާމަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ގާއިމުކޮށްފައިވާ ނިޒާމެކެވެ. އެ ނިޒާމުގެ ތެރެއިން ޖުމުލަ 40 ޓަނުގެ ދެ ޕްލާންޓް ވަނީ ބަހައްޓާފަ އެވެ. އެ ރަށުގައި ގާއިމު ކުރި ފެން ޕްލާންޓުން ދުވާލަކަށް 80 ކިއުބިކް މީޓަރުގެ ފެން އުފެއްދޭއިރު، 1،000 ޓަނުގެ ވާރޭ ފެން ރައްކާ ކުރެވޭ ނިޒާމެއް ވަނީ ގާއިމުކޮށްފަ އެވެ.

އަލަށް ގާއިމު ކުރި ފެނުގެ ވިއުގައިގެ ދިގު މިނުގައި 11.3 ކިލޯމީޓަރު ހުންނައިރު 447 ފެން މީޓަރު ވަނީ ގުޅައިދެއްވައިފަ އެވެ.

މީދޫގައި ގާއިމު ކުރި ނަރުދަމާ ނިޒާމަކީ ޖުމުލަ 45 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ހަރަދުކޮށްގެން ގާއިމު ކުރެވިފައިވާ ނިޒާމެކެވެ. އެ ނިޒާމްގެ ތެެރެއިން ތިން ޕަމްޕް ސްޓޭޝަން ގާއިމު ކުރެވިފައިވާއިރު، ނަރުދަމާ ވިއުގައިގެ ދިގު މިނުގައި 8.9 ކިލޯމީޓަރު ހުރެއެވެ. ޖުމުލަ 369 ގެއަށް ވަނީ ނަރުދަމާގެ ހިދުމަތް ދީފައެވެ.

އެ ރަށުގެ ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމް ހިންގާނީ ފެނަކަ ކޯޕަރޭޝަނުގެ ފަރާތުންނެވެ.