މި ސަރުކަރުގެ ދެ ދައުރު ނިމިގެންދާއިރު ތަރައްގީގެ މަޝްރުއުތަކަށް ނަގާފައިވާ ދަރަނިތައް ދައްކާނެ ކަމަށާއި ދަރަނީގެ ވާހަކަ ދެއްކުމުގެ ހައްގު ކުރީގެ ރައީސުންނަށް ނޯންނާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރ. ފައިނު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރީގެ ރައީސުން ދަރަނީގެ ވާހަކަ ދެއްކިނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހައްގު އެ ބޭފުޅުންނަށް ނޯންނާނެކަމަށެވެ. ސަބަބަކަށް އެމަނިކުފާނު ވިދާޅުވީ، ކުރީގެ ރައީސުންގެ ދައުރުގައި ނަގާފައިވާ ދަރަނިތަކުގެ އަދަދު އެއް ދައުރުން އަނެއް ދައުރަށް ބަދަލުވަމުން އައިސް، އެމަނިކުފާނާ ހަމައަށް އައިރު އެ ދަރިނަތައް އެތައް ގުނަ އަކަށް މަތިވެފައިވާތީ ކަމަށެވެ.

" މިއަދަކު އަޅުގަނޑުގެ ސަރުކާރާ ދިމާއަށް މުޅި ރާއްޖެ ދަރަނިވެރިވި ވާހަކަ ދައްކަން އެއްވެސް ކުރީގެ ލީޑަރަކަށް ޖާގައެއް ނެތް. އެއީ ދައުރުތަކެއް ބަދަލު ވަމުން ގޮސްފަ އަޅުގަނޑުމެންގެ ސަރުކާރާ ހަމައަށް ވެރިކަން ވާސިލް ވި އިރު އަޅުގަނޑުމެން ފެށި 35 ހާސް ނުވަތަ 34 ހާސް މިލިއަނުގެ ބޮޑު ދަރަންޏަކާ އެކީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ލޯނު ނަގައިގެން ކުރަމުން ގެންދާ ކަންތައްތަކަކީ ދިގު މުއްދަތެއް ވަންދެން ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަން ވީހާވެސް އަވަސް މުއްދަތެއްގައި ނިންމުމުގެ މަސައްކަތް ކަމަށެވެ. އަދި ރިޔާސީ ދެ ދައުރު ފުރިހަމަ ކުރައްވަން ފުރުޞަތު ލިބިވަޑައިގެނެފިނަމަ އެމަނިކުފާނުގެ ސަރުކާރުން ނަގާފައިވާ ދަރަނިތައް އެއްކޮށް ހަލާސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިހާރުގެ ސަރުކާރުން ކުރިއަށް ދަނީ ކުރީގެ ރައީސުން ނަގާފައިވާ ދަރަނިތައް އަދާ ކުރައްވަމުން ކަމަށްވެސް ވިދާޅުވިއެވެ.

" މި ސަރުކާރު 2018 އިން ފެށިގެން ދެން ކުރިއަށް އޮންނަ ކަމަށްވާނަމަ އެހެން ބަޔަކު ވިސްނާކަށް ނުޖެހޭނެ ދަރަންޏާ މެދު. އެ ދަރަނި ތަކަކީ އަޅުގަނޑުމެން ވަކިވެގެންދާއިރު އެހެން ބަޔަކަށް ތަކުލީފު އުފުލަން ޖެހޭ ދަރަންޏެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ ނޯންނާނެ،" ރައީސް ޔާމިން ވިދާޅުވިއެވެ.