ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލުމަށް ޓަކައި ހަމަލާދޭން ތިން ފަހަރު މަސައްކަތްކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ރ. ފައިނަށް ވަޑައިގަތުމުން އެރަށުގައި ބޭއްވި ޖަލްސާއެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީން އަވަހާރަކޮށްލަން ތިން ފަހަރެއްގެ މަތީން ހަމަލާދޭން އުޅުމުން ވެސް އެމަނިކުފާނުގެ ހިކުމަތު އަމަލީން އެކަމުން ރެކިވަޑައިގެންފައިވާ ކަމަށެވެ.

"މި ވޭތުވެ ދިޔަ ދުވަސްތަކުގައި އަޅުގަނޑަށް އެއްކުރެވުނު މައުލޫމާތައް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ތިން ފަހަރަކު މަސައްކަތްކޮށްފައިވޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އިސްލާމްދީނުގެ ފުރިހަމަ އަގީދާގެ މަތީގައި އަޅުގަނޑުމެން ތިބިއިރު، ޓެރަރިޒަމްގެ ހަމަލާތަކުން މުޅި ގައުމު ތަޣައްޔަރުކޮށް އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަ ކަމާއި އެކުވެރިކަން ނަގާލައި، އެތައް ފަރުދުންނެއް ފަނާކޮށްލުމަށް ޓަކައި ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ތަރައްގީއަށް ހުރަސް އެޅުމަށްޓަކައި ބަޣާވާތްކޮށްގެން ރައީސްގެ ޒައާމަތު ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމަކީ އެއްވެސް ބަޔަކަށް އޮތް ހައްގެއް ނޫން ކަމަށެވެ. އަދި އެފަދައިން މަސައްކަތް ކުރިނަމަވެސް ކޮންމެ ރައްޔިތަކު ވެސް ރައީސް ޔާމީނަށް ސެލިއުޓް ކުރަން ޖެހޭ ކަމަށާއި ސަބަބަކީ މިއަދު މި ގައުމު މިހާހިސާބަށް ގެނެސްދެއްވާފައި ވަނީ އެމަނިކުފާނުގެ ހިކުމަތު އަމަލީގެ ސަބަބުން ކަމަށްވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ގައުމުދެކެ ލޯބިވާ ކޮންމެ މީހަކު ބުނަން އެބަޖެހޭ. އަމިއްލަ ނަފްސުން ތެދުވާން އެބަޖެހޭ މި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި މި ގައުމުގައި އުދުވާނީ ހަމަލާ ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށް އަޅުގަނޑުމެންނަކީ އެއްބައިވަންތަ ކަމަށް މަސައްކަތް ކުރާނެ ބައެއްކަން އަޅުގަނޑުމެން ހިތުގެ އަޑިން ބުނެދޭންޖެހޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.