24 Oct 2017, 15:09
ސިންގަޕޫރު (އޮކްޓޯބަރު 24): އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ސިންގަޕޫރުގައި ބައެއް އުޅަނދު، މިހާރަށް ވުރެ އިތުރަށް އަމިއްލަ ނުކުރެވޭނެ ކަމަށް އެގައުމުން އިއުލާންކޮށްފި އެވެ.
ސިންގަޕޫރުގެ ލޭންޑް ޓްރާންސްޕޯޓް އޮތޯރިޓީ (އެލްޓީއޭ)އިން ބުނި ގޮތުގައި އެގައުމުގައި ކާރާއި ސައިކަލު އިތުރުވާ މިންވަރު ފެބްރުއަރީ މަސް އަންނަންވާ އިރަށް އަހަރަކު 0.25 ޕަސެންޓުން ސުން ޕަސެންޓަށް ދަށް ކުރާނެ އެވެ.
ސިންގަޕޫރުގެ މަގުތަކުގައި ތޮއްޖެހުން ހުއްޓުވުމުގެ ގޮތުން މިހާރު ވެސް އެގައުމުން ހަރުކަށި ސިޔާސަތުތަކެއް ގެންގުޅެ އެވެ. އެގޮތުން އެގައުމުގައި ކާރެއް ވިއްކާ އަގު އެހެން މުއްސަނދި ގައުމުތަކާ އަޅާ ބަލާއިރު ބޮޑެވެ. އަދި އަމިއްލަ ކާރެއް ގެންގުޅެވޭނީ 10 އަހަރުން މުއްދަތު ހަމަވާ 'ސެޓްފިކެޓް އޮފް އެންޓައިޓުލްމެންޓް' ކިޔާ ހުއްދައެއް އޮތުމުންނެވެ. އެފަދަ ހުއްދައެއްގެ އެވްރެޖް އަގަކީ 50،000 ސިންގަޕޫރު ޑޮލަރު (37،000 ޑޮލަރު) އެވެ.
ސިންގަޕޫރުގައި އަމިއްލަ ކާރު އިތުރު ކުރުން މަދުވި ނަމަވެސް ބަސްތަކާއި މުދާ އުފުލާ އުޅަނދުގެ އަދަދު އިތުރު ކުރެވޭނެ އެވެ.
އެގަވާއިދު އިއުލާން ކުރަމުން އެލްޓީއޭ އިން ވަނީ ސިންގަޕޫރުގެ ބިމުގެ 12 ޕަސެންޓު މިހާރު ވެސް ބޭނުން ކުރަނީ މަގުތަކަށް ކަމަށާއި، އެހެންކަމުން މަގުތައް ފުޅާ ކުރުމަށް ޖާގައެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އެގައުމުގެ ދަތުރުފަތުރުގެ ނިޒާމު ރަނގަޅު ކުރުމަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި 20 ބިލިއަން ސިންގަޕޫރު ޑޮލަރު (14.9 ބިލިއަން ޑޮލަރު) ހަރަދު ކުރާނެ ކަމަށް ވެސް އެލްޓީއޭއިން ބުންޏެވެ. (ގާޑިއަން)