24 Oct 2017, 14:53
ސަރުކާރާއި ރައްޔިތުން ބައިވެރިވާ ކޮންސްޓްރަކްޝަން ކޮމްޕެނީ، އެމްޓީސީސީ އިން ހިދުމަތަށް ނެރޭ ޑްރެޖަރު، މަހާޖައްރާފުގެ ސަބަބުން ބަނދަރުގެ ދަތިކަމާއި ބިމުގެ ދަތިކަމާ ގުޅިގެން ކުރިން ފާޅުކުރަމުން ދިޔަ ކަންބޮޑުވުންތަކަށް ނިމުމެއް އަންނާނެ ަކަމަށާއި އަދި އެ މައުޟޫ މާޒީވެގެންދާނެ ކަމަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރ. ފައިނުގައި ހެދި ބަނދަރު ހުޅުއްވައި ދެއްވުމަށް ފަހު އެ ރަށު ރައްޔިތުންނާ މުހާތަބުކުރާއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާދަމާ މަހާ ޖައްރާފު ކުޅުދުއްފުށީ ބިން ހިއްކުމަށް އެރަށުގައި ބަނދަރު ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެ އުޅަނދުގެ ސަބަބުން ބަނދަރު ހެދުމާއި ބިން ހިއްކުމަށް މިހާރު ކުރަމުންދާ ހަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމަށެވެ.
"މިއީ ބޮޑު ޑްރެޖަރެއް. މި ޑްރެޖަރު އައިމާ އަޅުގަނޑު ހަމަހިތަށް އަރަނީ މި ރަށުގެ ބަނދަރު ހެދުމަށް މި ޑްރެޖަރަށް ފުރުޞަތު ލިބުނު ނަމަ މި ބަނދަރު ހަދަން ހޭދަވި ދުވަހާއި މި ޑްރެޖަރުން އެކަން ކޮށްލާނެ ދުވަހާ ހަމަ އަޅުގަނޑުމެންގެ ހިޔާލަށް ގެންނަން ޖެހޭ ކަންނޭނގެ. އަޅުގަނޑުމެންގެ ބިޔަ ބޮޑެތި މަޝްރުއުތަކުގެ ތެރޭގައި ހުޅުމާލެ މަޝްރޫއު އޮތް އިރު އަޅުގަނޑުމެންނަށް އެކަންކަން ކޮށްލުމަށް މި ޑްރެޖަރު އޮތް ނަމަ ހާދަ ބޮޑު ތަނެއް ސަރުކާރު ބަޖެޓުން ލުއިވެގެންދިޔައީހޭ. އެ ފައިސާ އަކީ އަޅުގަނޑުމެންގެ އެހެން އުންމީދުތައް ފުރިހަމަ ކޮށްދެން ހުރި ފައިސާ،" ރައީސް ޔާމިން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރު ފަށާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ނާއުންމީދުވެފައިވާ ބަނދަރުތައް ތަރައްގީ ކުރުމުގެ ދާއިރާއަށް އުންމީދުތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އެގޮތުން އަންނަ އަހަރު ބަނދަރު ހެދުމުގެ އިތުރު މަޝްރޫއުތަކެއް ފެށިގެންދާނެ ކަން ކަށަވަރުވެގެންދާނެ ކަމަށެވެ.
"ރާއްޖޭގައި މިއޮތް ބަނދަރުގެ ދަތިކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާޒީ ކުރާނެ ސޮފުހާ އެއްގެ ގޮތުގައި މާޒީ ކުރާނެ މައުޟޫއެއްގެ ގޮތުގައި އަޅުގަނޑުމެން މިއަދު ވެސް ހިޔާލަށް އެބަ ގެންނަންޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދަޅުވީ ގުދުރަތީ ގޮތުން ބިން ބޮޑު ކުރަން ޖާގަދޭ ނަމަ ބިމުގެ ދަތިކަމަކީ މި ސަރުކާރުން އެކަމަށް ހައްލު ގެންނާނެ ކަންކަން ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރިން ވެސް ބިމުގެ މުއްސަނދިކަން ކުޑަވެގެން ކަނބޮޑުނުވާން ވިދާޅުވީ އެކަމަކީ ހައްލު ކުރެވޭނެ ކަމަކަށް ވާތީ ކަމަށެވެ.
"އަޅުގަނޑުމެންގެ ރިޔާސީ ދައުރު ނިމުގެ ކުރިން. އިރާދަކުރެއްވިއްޔާ މާދަމާ ކުޅުދުއްފުށީ ބަނދަރަށް ވަންނަ ޑްރެޖަރަކީ އަޅުގަނޑުމެން މި ދެންނެވި އުންމީދުތައް ހާސިލް ކުރެވޭނެ ޑްރެޖަރެއް، ބިން ބޮޑު ކުރެވޭނެ، ބިން ބޮޑުކުރާނެ." ދައުލަތުގެ ހަރަދުގައި ބަނދެފައިވާ ކޮންން ބޯޓާ ގުޅިގެން ވެގެންދާނެ ފަސޭހަތަކުގެ ވާހަކަ ފާހަފަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ހުރިހާ ކަމެއް ވެސް ކުރެވޭނީ ރައްޔިތުން ސަރުކާރަށް އެއްބާރުލުން ދީގެން ކަމަށެވެ. އަދި ޑްރެޖަރާ އެކު އަންނާނެ ސުވާލަކީ ޑްރެޖަރު ގެނައުމަކީ ތަރައްގީތޯ އޭ ރައީސް ޔާމީން ސުވާލުކުރެއްވި އެވެ. އަދި ވިދާޅުވީ އެ ޑްރެޖަރުގެ ސަބަބުން ބިން ހިއްކި ދައުލަތުގެ ބަޖެޓަށް ލުއި ލިބި ރައްޔިތުންނަށް އެކަމުން ފައިދާވާ ނަމަ އެއީ ތަރައްގީ ކަމަށެވެ.
ރައީސް ޔާމީން ރ. އަތޮޅަށް ކުރައްވާ ޒިޔާރަތުގައި މިއަދު ހެނދުނު ވަނީ މަޑުއްވަރި އަށް ވަޑައިގަނެފަ އެވެ. އަދި އޭގެ ފަހުން މިއަދު މެންދުރުވަނީ ފައިނަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައިފަ އެވެ.