02 Aug 2011, 14:28
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެބިލު ބލައިގަނެފައި ވަނީ، ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން 50 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެބިލު ބަލައި ގަންނަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ. އެ ބިލު ބަލައިގަތުމުން ބިލު އިތުރަށް ދިރާސާކޮށް އިސްލާހް ކުރުމަށް ވަނީ އިގްތިސާދީ ކޮމިޓީ އަށް ފޮނުވައިފަ އެވެ.
އެ ބިލަކީ ސަރުކާރުގެ އިގްތިސާދީ އިސްލާހީ ޕްރޮގްރާމްގެ ތެރެއިން ހުށަހަޅާފައިވާ ބިލެކެވެ.
ތިރީސް ހަތަރު މާއްދާ ހިމެނޭ އެ ބިލުގައިވާ ގޮތުން އެކަކުގެ ނަމުގައި ރަޖިސްޓްރީ ކުރެވޭނީ އަމިއްލަ އެއް ވިޔަފާރި އެވެ. އަދި ގާނޫނާ ހިލާފްވާ ފަރާތެއް އެފަރާތެއް ކުރި ކުށެއްގެ ކުޑަބޮޑު މިނަށް ބަލައި 10000 ރުފިޔާ އާއި 100000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރެވޭނެ ކަމަށް ވެސް އެ ބިލުގައި ބުނެ އެވެ.
ބިލުގައި ބުނާ ގޮތުން އަލަށް އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީ ކުރުމަށާއި ރަޖިސްޓްރީ އާ ކުރުމަށް 500 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ އެވެ. އަދި ރަޖިސްޓްރީގައިވާ މައުލޫމާތު އިސްލާހް ކުރުމަށާއި ނަން ބަދަލު ކުރުމަށާއި ސިއްކަ ބަދަލު ކުރުމަށް 100 ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ. އަދި އަމިއްލަ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ މަސައްކަތަށް ރަޖިސްޓްރާ އޮފް ބިޒްނަސަސްގެ މަގާމު އުފައްދަން ޖެހޭ ކަމަށާއި އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީކޮށްދެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ވެސް އެބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލުގައިވާ ގޮތުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި، ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި ކުންފުނިތަކަކާއި ޖަމްއިއްޔާތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކެއް ނުހިމެނޭނެ އެވެ.